އައްޑޫ ސިޓީ ހުޅުދޫގެ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު މަސްވެރިކަމުގެ އުފެއްދުންތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ އައު މަސްފިހާރައެއް އެ ރަށުގައި ރަސްމީކޮށް ހުޅުވައިފިއެވެ.
މި ފިހާރަ ހުޅުއްވައިދެއްވީ މިފްކޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އަނަސްއާއި، ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދެވެ. މި ރަސްމިއްޔާތުގައި ހުޅުދޫއާއި މީދޫގެ މުއައްސަސާތަކުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިފްކޯގެ ސީއީއޯ މުޙައްމަދު އަނަސް ވިދާޅުވީ، ހުޅުދޫގައި މަސްފިހާރައެއް ހުޅުވުމުގެ މައިގަނޑު މަގުސަދަކީ ބަނދަރު ސަރަހައްދުގައި ހުންނަ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއާއި އާންމުން ދިރިއުޅޭ ސަރަހައްދާ ދުރުވުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވަމުންދިޔަ ދަތިތަކަށް ހައްލެއް ހޯދައިދިނުން ކަމަށެވެ. އަދި ބަނދަރުގައި ހުންނަ ފިހާރަ މަސްވެރިންނަށް ހާއްސަކޮށް، އަލަށް ހުޅުވުނު ފިހާރައިގެ ސަބަބުން ރަށު ތެރެއިން އާންމު ރައްޔިތުންނަށް ފަސޭހައިން މިފްކޯގެ އުފެއްދުންތައް ލިބިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގެ މަސްފިހާރަތަކަށް މެދުނުކެނޑި ދެމެހެއްޓެނިވި ގޮތެއްގައި އުފެއްދުންތައް ފޯރުކޮށްދިނުމަށްޓަކައި، އައްޑޫގައި “ލޯކަލް ޕްރޮޑަކްޝަން ހައުސް” އެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާކަންވެސް ސީއީއޯ އަނަސް ވަނީ އިއުލާން ކުރައްވާފައެވެ. އަދި މި މަޝްރޫޢުގެ ސަބަބުން އެ ސަރަހައްދުގެ އިޤްތިޞާދަށް އިތުރު ދިރުމެއް ލިބި، ވަޒީފާގެ އައު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.