English Edition
Dhivehi Edition

ރުއްތަކަށް ބޮޑެތި ގެއްލުންތަކެއްދޭ ނުރައްކާތެރި ސޫތްޕެއް ކަމަށްވާ “ރެޑް ޕާމް ވީވިލް” ނުވަތަ ރަތްމަޑި އައްޑުއަތޮޅުގެ ބައެއް ރަށްރަށުން ފެނުމާ ގުޅިގެން، އެ އަތޮޅުން ރުއް ބޭރުކުރުން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވަގުތީ ގޮތުން މަނާކޮށްފިއެވެ.

އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގަސްގަހާގެހި ހިމާޔަތްކުރުމުގެ ގާނޫނު ގެ ދަށުން މި ފިޔަވަޅު އަޅާފައިވަނީ ރާއްޖޭގެ އެހެން ރަށްތަކަށް މި މަޑި ފެތުރުން ހުއްޓުވުމަށްޓަކައި ކަމަށެވެ.

ރެޑް ޕާމް ވީވިލްއަކީ ދިވެހި ރުކާއި، ކަދުރު ރުކުގެ އިތުރުން ޒީނަތްތެރިކުރުމަށް އިންދާ ރުކުގެ އާއިލާގެ ގަސްތަކަށް ގެއްލުންދޭ ސޫތްޕެކެވެ. މި ސޫފީގެ ލާވާ (ފަނީގެ) މަރުހަލާގައި ރުކުގެ ކަނދުގެ އެތެރޭގައި ހުންނަ މަޑު ބައިތައް ކާން ފަށައެވެ. ވުޒާރާއިން ފާހަގަކުރި ގޮތުގައި، ރުކުގެ އެތެރެއަށް ލިބޭ މި ގެއްލުން ބޭރަށް ފެންނަން ނުހުންނާތީ، މިކަން ދެނެގަނެވެނީ ރުކުގައި މަޑި ވަރަށް ބޮޑަށް އަށަގަންނަ ފަހުންނެވެ. އަދި އޭގެ ސަބަބުން ވަރަށް އަވަހަށް ރުކުގެ ކުރި މަރުވެ، ފަހުގެ މަރުހަލާއެއްގައި މުޅި ރުއް އެއްކޮށް މަރުވެގެންދެއެވެ.

މި މަޑި ކޮންޓްރޯލްކުރުމަށްޓަކައި އައްޑުއަތޮޅުން މަޑި ފެނުނު ރަށްރަށުގެ ރުއްތަކަށް މިހާރު އިންސެކްޓިސައިޑް ބޭނުންކުރަމުންދާ ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ. މީގެ އިތުރުން، ދެމެހެއްޓެނިވި ގޮތެއްގައި މި ސޫފި ކޮންޓްރޯލްކުރުމަށްޓަކައި “ފެރޮމޯން ޓްރެޕްސް” ބޭނުންކުރުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށްވެސް ބަޔާނުގައިވެއެވެ.

މި މަޑި ފެތުރުން ހުއްޓުވުމަށްޓަކައި، ގަވާއިދުން ރުއްތައް ބަލައި ފާސްކޮށް، މަޑިއުޅޭ ރުއްތައް އަވަހަށް ދެނެގަތުމަށް މަސައްކަތްކުރުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މި މަސައްކަތުގައި ހުރިހާ ފަރާތްތަކެއްގެ ފުރިހަމަ އެއްބާރުލުން ދިނުމަށްވެސް ވަނީ އެދިފައެވެ.