English Edition
Dhivehi Edition

އޭއޯ ނިއުސް އިން ކޮންމެ އަހަރެއްގެ ރަަމަޟާން މަހަށް ޚާއްޞަ ކޮށްގެން ކުރިއަށް ގެންދާ މަދަޙަ މުބާރާތުގެ 1448 ވަނަ އަހަރުގެ (އޭއޯ 8 ވަނަ މަދަޙަ) މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އޮންލައިން ކޮށް ކުރިއަށް ގެންދާ މި މުބާރާތަކީ، ކުޑަކުދިންގެ ހިތްތަކުގައި ދީނީ ރޫހު އާލާ ކުރުމާއި ދީނީ ޝިއާރު ފާޅުކުރުމުގެ އިތުރުން މަދަޙަ ކިޔުމުގެ ހުނަރު ހުރި ހަމަ ކޮންމެ ކުއްޖަކަށް އެ ކުއްޖެއްގެ ހުނަރު ކުރިއެރުވުމަށް ފުރުސަތު ހޯދައި ދިނުމުގެ މަގުޞަދުގައި ކުރިއަށް ގެންދާ މުބާރާތެކެވެ. މީގެ އިތުރުން އޮންލައިން ޕްލެޓްފޯމެއްގައި، އެކުއްޖެއްގެ އަމިއްލަ ރަށުގައި ހުރެގެން މިފަދަ މުބާރާތެއްގައި ބައިވެރިވެ ވާދަކުރުމުގެ ފުރުސަތު ހޯދައިދެވުމަކީ ވެސް މުބާރާތުގެ އެއް މަގުޞަދެވެ.

އޭއޯ އިން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާ މި މުބާރާތަކީ ރަމަޟާން މަހަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ މަދަޙަ މުބާރާތެވެ. 2015 ވަނަ އަހަރު އައްޑޫސިޓީގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ފެށި މި މުބާރާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސް 2021 ވަނަ އަހަރުން ފެށިގެން މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މުޅި ރާއްޖެއަށް ހުޅުވާލައިގެން އޮންލައިން މުބާރާތެއްގެ ގޮތުގައެވެ.

ކޮންމެ އަހަރަކުވެސް ބޮޑެތި އިނާމު ހުށަހެޅިގެން ކުރިއަށް ގެންދާ މި މުބާރާތުގައި މިހާތަނަށް ވަނަ ތަކަށް އައި ކުދިންނަށް ޢުމްރާ ދަތުރު ތަކާއި ޗައިނާ، އޮސްޓްރޭލިއާ އަދި ދުބާއީ ސްޓަޑީ ޓުއަރ ތައް ހޯދައިދީފައިވާނެއެވެ.

މުބާރާތުގެ އުމުރުފުރާ ތަކަކީ: 6 އަހަރުން ދަށް، 8 އަހަރުން ދަށް، 10 އަހަރުން ދަށް، 12 އަހަރުން ދަށް، 14 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 18 އަހަރުން ދަށެވެ.

މި އަހަރުގެ މުބާރާތުގައި ބައިވެރިވާ ކޮންމެ ކުއްޖަކަށް މުބާރާތުގައި ބައިވެރިވި ކަމުގެ އީ ސެޓްފިކެޓެއް ދޭ ގޮތަށް ހަމަޖެހިފައިވާއިރު މުޅި މުބާރާތުން 1ވަނަ، 2 ވަނަ، 3 ވަނަ އާއި ކޮންމެ ޢުމުރުފުރައަކުން 1ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.

އޭއޯ ނިއުސް އިން އިންތިޒާމު ކޮށްގެން އެންމެ ފަހުން ކުރިއަށް ގެންދިޔަ މަދަޙަ މުބާރާތުގެ ފަޚުރުވެރި އެއްވަނަ ހޯދާފައިވަނީ މ.ސަރުމާގެ އައިޝަތު ލަޢާލީ ޢަލީއެވެ. އެ މުބާރާތުގެ 2 ވަނަ އަށް އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ގދ.ތިނަދޫ ލިޓްލްހަޓް، ޙައްވާ އައިރީން އަމްޖަދެވެ. އަދި 3 ވަނަ ހޯދާފައިވަނީ ސ.ފޭދޫ ވާދީ މަލްކާ މުޙައްމަދު ޙަބީބެވެ.

މި އަހަރުގެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ލިންކުން ގޫގުލް ފޯމަށް ވަދެވޭނެއެވެ. މި ފޯމު އޭއޯ ނިއުސް ގެ ފޭސްބުކް ޕޭޖުން ވެސް ފެންނަން ހުންނާނެއެވެ. ރަޖިސްޓްރޭޝަން ފޯމު ފުރިހަމަ ކުރާ ފަރާތްތަކަށް މުބާރާތުގެ ގަވައިދު އަދި އިތުރު މައުލޫމާތު ފޯރުކޮށްދެވޭނެއެވެ.

https://forms.gle/Lvf15owiMHCAjdJ48

މުބާރާތާއި ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް 7782034 ގުޅުއްވުން އެދެމެވެ.

މި ފަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލެވެ.