English Edition
Dhivehi Edition
ފުލުހުން ވީއައިއޭގައި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހާއްސަ ސެކިއުރިޓީ އިމަޖެންސީ ތަމްރީނެއް އިއްޔެ ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.

ވީއައިއޭގެ ނޫވިލު ސީޕްލޭން ޓާމިނަލުގައި ހިންގި މި ތަމްރީނުގައި އެމްއޭސީއެލްގެ އެކި ޑިޕާޓްމަންޓްތަކާއި ރިސޯޓު ލައުންޖްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއެކު ޖުމްލަ 123 ވޮލަންޓިއަރުން ބައިވެރިވިއެވެ. މީގެ އިތުރުން، ފުލުހުންނާއި، އެއާލައިންތަކާއި، ދައުލަތުގެ ކަމާބެހޭ އެހެން މުއައްސަސާތަކާއި، ޕްރައިވެޓް ސެކްޓަރގެ އިތުރުން ބޭރުގެ އެމްބަސީތަކުގެ ބޭފުޅުން ވަނީ މި ހަރަކާތް ކުރިއަށްދިޔަ ގޮތް ބަލައި މޮނިޓަރކުރުމުގައި ހަރަކާތްތެރިވެފައެވެ.

މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ސަލާމަތީ ގޮތުން ދިމާވެދާނެ ކުއްލި ނުރައްކަލުގެ ހާލަތަކަށް އެއާޕޯޓް ތައްޔާރުވެފައިވާ މިންވަރާއި، އެފަދަ ހާލަތެއްގައި އަވަސް ފިޔަވަޅު އެޅުމުގެ ގާބިލުކަން ހުރި މިންވަރު ދެނެގަތުމެވެ. ހަމައެއާއެކު، އެއާޕޯޓުގައި މިހާރު އަމަލުކުރަމުންދާ ސެކިއުރިޓީ ކޮންޓިންޖެންސީ ޕްލޭނާއި، ސެކިއުރިޓީ ވަރުގަދަކުރުމަށް ހަދާފައިވާ އެސްއޯޕީތަކުގެ ހަރުދަނާކަން ވަޒަންކުރުމާއި، ކަމާގުޅުންހުރި އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަކީވެސް މި ތަމްރީނުގެ އަމާޒެކެވެ.

މި ތަމްރީނު ނިންމާލުމަށްފަހު، ހަރަކާތް ދިޔަގޮތް ވަޒަންކުރުމުގެ ގޮތުން ބާއްވާ “ހޮޓްވޮޝް” ބައްދަލުވުން ހުޅުލެ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ގައި ވަނީ ބާއްވާފައެވެ. މި ބައްދަލުވުމުގައި ކާމިޔާބުވި ކަންކަން ފާހަގަކޮށް، ކުއްލި ނުރައްކަލުގެ ހާލަތްތައް މެނޭޖުކުރުމުގެ ގާބިލުކަން އިތުރަށް ހަރުދަނާކުރުމަށް އިސްލާހުކުރަންޖެހޭ ކަންކަން ވަނީ ދެނެގަނެފައެވެ.

ދަތުރުވެރިންނާއި މުވައްޒަފުން އަދި ވީއައިއޭއާ ގުޅުންހުރި އެންމެހައި ފަރާތްތަކަށް ރައްކާތެރިކަމާއި އަމާންކަން ކަށަވަރުކޮށްދިނުމަށްޓަކައި، ވައިގެ ބަނދަރުގެ ސަލާމަތީ މިންގަނޑުތައް އެންމެ މަތީ ދަރަޖައިގައި ބެހެއްޓުމުގައި ދެމިއޮންނާނެ ކަމަށް އެމްއޭސީއެލްއިން ބުންޏެވެ.