English Edition
Dhivehi Edition
މާލެ މަގުމަތި / ފޮޓޯ:ފަޔާޒު މޫސާ

ރާއްޖޭގެ ރަށްރަށުގައި ބޭނުންކުރަމުންދާ C3 އަދި C4 ކެޓަގަރީގެ ތިންފުރޮޅުލީ އުޅަނދުތައް ރަޖިސްޓަރީކުރުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، އެފަދަ އުޅަނދުތައް ރަޖިސްޓަރީކުރުމަށް ސަރުކާރުން ހާއްސަ ލުއިތަކެއް ދޭން ނިންމައިފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ނެރުނު އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، އަތޮޅުތެރޭގައި ދުއްވާ ބައެއް އެއްގަމު އުޅަނދުތައް ތަފާތު ސަބަބުތައް މެދުވެރިވެގެން ރަޖިސްޓަރީ ނުކުރެވި ގިނަ ދުވަސްތަކެއް ވަންދެން ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިފަދަ އުޅަނދުތައް ރަޖިސްޓަރީކުރުމަށް ލާޒިމުވާ ބައެއް ލިޔެކިޔުންތައް ވެރިފަރާތުގެ އަތުގައި ނެތުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން މިހާރު ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާކަމަށް މިނިސްޓްރީން ވަނި ބުނެފައެވެ.

އެގޮތުން ގެނެވުނު ބަދަލުތަކުގެ ތެރޭގައި، ފަސިންޖަރުންނާއި މުދާ އުފުލުމަށް ބޭނުންކުރާ C3 އަދި C4 ކެޓަގަރީގެ ތިންފުރޮޅުލީ އުޅަނދުތަކަކީ، އެއްގަމު ދަތުރުފަތުރުގެ ގާނޫނު ގެ 14 ވަނަ މާއްދާގެ ދަށުން އަމިއްލަ ބޭނުމަށް ރަޖިސްޓަރީކޮށްދެވޭ އުޅަނދުތަކެއްގެ ގޮތުގައި މިހާރު ގިންތިކުރެވިފައިވާ ކަމަށް މިނިސްޓްރީން ވަނި ބުނެފައެވެ. މިއާއެކު މި ކެޓަގަރީތަކުގެ އުޅަނދުތައް އަމިއްލަ ފަރުދުންގެ ނަންމަތީގައި ރަޖިސްޓަރީކޮށްދެވޭނެ ކަމަށާއި، ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، މި އުޅަނދުތައް ރަޖިސްޓަރީކުރުމާ ގުޅިގެން ދައްކަންޖެހޭ ފީތައް މަޢާފުކޮށްދިނުމަށް ވެސް ވަނީ ނިންމާފައެވެ.

މީގެއިތުރުން، ރާއްޖެއަށް އިމްޕޯޓްކުރިތާ ގިނަދުވަސްވުމުގެ ސަބަބުން ނުވަތަ ރަޖިސްޓަރީކުރުން ލާޒިމްކުރުމުގެ ކުރިން ރާއްޖެ އެތެރެކޮށް އަތޮޅުތެރޭގައި ބޭނުންކުރަމުންދާ މިފަދަ އުޅަނދުތަކުގެ ލިޔެކިޔުންތައް ގެއްލިފައިވާ ފަރާތްތަކަށް ވެސް މިނިސްޓްރީން ވަނީ ބޮޑު ލުޔެއް ދީފައެވެ. އެގޮތުން، ލިޔެކިޔުންތައް ފުރިހަމައަށް ނެތް ނަމަވެސް، އެ އުޅަނދެއްގެ ރޯޑްވާދިނަސް ލިޔުމަށް ބެލުމަށްފަހު ރަޖިސްޓަރީކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.