ރައީސް ޔާމީންއަކީ މި ޤައުމުގެ ޞަލާޙުއްދީނުލް އައްޔޫބީކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމެބަރު ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ޕީޕީއެމުން އިސްނަގައިގެން ކާނިވާ ޞަރައްހަދުގައި ކުރިއަށް ދާ “މަގޭ ދީނާއި މަގޭ ޤައުމާ ނުކުޅެއްޗޭ!” މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަޙީމް ވިދާޅުވީ، ރައީސް ޔާމީން 1 ފެބްރުއަރީގައި ދެއްކެވި ހިތްވަރުގަދަ މިސާލުން ސާބިތުވެގެން ދަނީ އެމަނިކުފާނަކީ ދިވެހި ޤައުމަށް މި ފަހުގައި އުފަންވި ބޮޑު ތަކުރުފާނު ކަމަށެވެ. ދިވެހިންގެ މިއަދުގެ ދޮން ބަންޑާރައިން ކަމަށެވެ. ދިވެހިންގެ ޞަލާޙުއްދީނުލް އައްޔޫބީ ކަމަށެވެ. ދިވެހިރާއްޖޭގެ މަހާތުމާ ގާންދީ ކަމަށެވެ.
އެހެން ކަމުން، ދިވެހިންގެ ޙައްޤުގައި ރައީސް ޔާމީން ވަރުބަލިކަމެއް ނެތި ކޮށްދެއްވަމުން ގެންދަވާ ޚިދުމަތްތަކަށް ފަށްފަށުން އަބްދުރައްހީމް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.
އަދި އެމަނިކުފާނު 1 ފެބްރުއަރީ ގައި ޤައުމު ސަލާމަތުގެ އައްސޭރިއަށް ވާޞިލް ކުރުމަށް ކުރި ކަނޑުގަދަ ދަތުރުގައި އެމަނިކުފާނުގެ މާލިމީ ކަމުގައި އެ އޮޑީގައި ދަތުރުފެށި ފުލުހުންނާއި ސިފައިން އެމަނިކުފާނުގެ ނަސޭޙަތުގެ ބަސް އަހާ އެ ދެއްކެވި ފުރިހަމަ މިސާލަށް ފުލުހުންނާއި ސިފައިންނަށް ވެސް ޢަބްދުއްރަހީމް ޝުކުރު އަދާ ކުރެއްވިއެވެ.
އަދި މީގެ އިތުރުން އެ ދުވަހު ދިމާވީ ކުއްލި ސިހުމާއި ޙައިރާންކަމާއިއެކުވެސް އެ ޙާދިސައިން އަރައިގަނެ، ކާމިޔާބު ލިބުނީ ވަރަށް ގިނަ ބޭފުޅުންގެ މިންނެތް މަސައްކަތުންކަމަށާއި، ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ ޤާނޫނީ ޒިންމާ އަދާކުރުމުގައި ސާބިތުވެ ތިބުމުންކަމަށެވެ. ކޮންމެ ދިވެއްސަކުވެސް ނެގީ ފަރުދީ ޒިންމާ ގެ ސަބަބުން ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
ޙިކުމަތްތެރި ލީޑަރެއްގެ ފަހަތުގައި ތިބެގެން ދިވެހިން ޤައުމު ސަލާމާތް ކުރުމަށް އެދުވަހު ނުކުތީ އެއް ރޫޙެއްގައި އެއް ޢަޒުމެއްގައި ކަމަށާއި ކޮންމެ ބަޔަކު ކޮންމެ އެއްޗެއް ކިޔަސް އެ ޢައުމެއް ނުގުޑާނެ ކަމަށާއި ރާއްޖޭގެ މިނިވަން ކަމާއި ސިޔާދަތު ހިމާޔަތް ކޮށް ޤައުމުގެ އިސްތިޤުލާލު ނަގަހައްޓާ ދަމަހައްޓާން ކަމަށްވެސް އަދުރޭ ވަނީ ވަރަށް ހަރު އަޑުން ވިދާޅުވެފައެވެ.
ރިޝްވަތު ނެގުމާއި ރިޞްވަތު ދިނުމަކީ ކިހާ ވަރެއްގެ ނުވައި ކަމެއްކަން އަބަދުވެސް ދިވެހި ރައްޔިތުންނަށް ހަނދާން ކޮށްދެމުން އައ ބޭބޭފުޅުން މިއަދު، ޤައުމުގެ އަދާލަތު ނަގާލައި ޤާނޫނީ ގޮތުން އުފެދިފަ އޮތް ސަރުކާރެއް ވައްޓާލާ ވަކި ގޮތަކަށް ޙުކުމް ތައް ނެރުމަށް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންނަށް ރިޝްވަތު ދިނުމަކީ ހިތާމަކުރާ ކަމެއް ކަމަށާއި އެކަމާ ދިވެހި ރައްޔިތުން ވަރަށް ފުންކޮށް ވިސްނާލުމަށް އަދުރޭ ވަނީ ގޮވާލާފައެވެ.
ދިވެހި ތާރީޚުގައި ރައީސް ޔާމިން ވަރުގެ ކެތްތެރި ޙިކުމަތްތެރި ވެރިއެއަކުނެތް ނުފެންނަ ކަމަށާއި ޤައުމަށް މި ދިމާވި ނުރައްކާތެރި ޙާލަތުގައި ޤައުމު ސަލާމަތް ކުރުމަށް ރައީސް ޔާމީންގެ ސިފައިގައި ދިވެހި ދަރިއަކު އުފަން ކުރުވި ކަމަށްޓަކައި ﷲ އަށް ޝުކުރު ދަންނަވާކަމށްވެސް އަބުދުއްރަޙްމާން ވަނީ ވިދާޅުވެފައެވެ.
އަދުރޭ އިތުރަށް ވިދާޅުވީ، ރައީސް ޔާމީންގެ ފަހަތުގައި އޮތް ޓީމަކީ އިޚްލާސްތެރި ކެރޭ ހީވަގި ޓީމެއް ކަމަށާއި އެޓީމުގެ މަސައްކަތަށް އެއްވެސް ބަޔަކަށް ހުރަސް ނޭޅޭނެ ކަމަށާއި އެއްވެސް ބައެއްގެ މަކަރުވެރި ރޭވުންތަކަށް ހެއްލިގެން ވިކިގެން ނުދާނެކަންވެސް އަދުރޭ ވަނީ ފާހަގަ ކުރައްވާފައެވެ.
މީގެ އިތުރުން މިލިބުނު ނަސްރަކީ އިސްލާމްދީނަށް ލިބިގެން ދިޔަ ނަސްރެއްކަމަށާއި އެކަމަށްޓަކައި ﷲ އަށް ޝުކުރު ދަންނަވާ ކަމަށްވެސް އަބްދުއްރަޙީމް ވަނީ ވިދާޅުވެފައެވެ.