English Edition
Dhivehi Edition
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު /ފޮޓޯ މިހާރު

ހުޅުމާލޭގައި ޓޫރިސްޓް ހޮޓަލަކާ އެކު އަލުން ތަރައްގީކުރަން ފެށި ވޯޓާ ތީމް ޕާކް މަޝްރޫއުން މުޅިން އާ 500 ވަޒީފާ އުފެއްދުމަކީ އަމާޒެއް ކަމަށާއި، އޭގެ ތެރެއިން 85 ޕަސެންޓް ވަޒީފާ ދިވެހިންނަށް ހާއްސަކުރާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވެއްޖެ އެވެ.

މަޝްރޫއުގެ މަސައްކަތް އަލުން ފެށުމަށް މިއަދު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޒުހައިރު ވިދާޅުވީ، މި މަޝްރޫއު ނިމޭއިރު ހުޅުމާލޭގެ މޫނުމަތި ބަދަލުވެ، އިގުތިސާދަށް އާ ދިރުމެއް ލިބި، ވަޒީފާއާއި ވިޔަފާރީގެ އާ ފުރުސަތުތައް ހުޅުވޭނެ ކަމަށެވެ.

“މި ފެށީ މީގެ ކުރިން ފަޅުވެފައި އޮތް ބިމެއް ދިވެހި އާއިލާތަކަށް ހިތްފަސޭހަ އުފާވެރި މަންޒިލަކަށް ބަދަލުކުރުމުގެ މަސައްކަތް. ޒުވާނުންނަށާއި އެންމެހާ ދިވެހި ރައްޔިތުންނަށް ވަޒީފާގެ އާ ފުރުސަތުތައް ހުޅުވި ވިޔަފާރިތަކަށް އާ ދިރުމެއް ލިބި، ފަތުރުވެރިކަމުގެ އާ ބާބެއް ހުޅުމާލޭގެ އައްސޭރިފަށުން ފެށުމުގެ މަސައްކަތް.” — އަލީ ޒުހައިރު

ވަޒީފާ އުފެއްދުމުގެ އިތުރުން، ޓޫރިޒަމް ދާއިރާއަށް ދިވެހިން ތަމްރީނުކޮށްގެން ނެރުމަކީ ވެސް އެޗްޑީސީގެ މުހިންމު އަމާޒެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.