English Edition
Dhivehi Edition

ސިވިލްސަރވިސްގެ ބައެއް މަޤާމުތަކަށް، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްޞަކުރެވިފައިވާ މަޤާމުތަކެއްގެ ގޮތަށް ކަޑައަޅާ ސިވިލްސަރވިސްގެ ގަވާއިދުތައް އިސްލާހުކޮށްފިއެވެ.

ސިވިލްސަރވިސް ކޮމިޝަނުން އެކުލަވާލާފައިވާ މި ގަވާއިދުގެ ބޭނުމަކީ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދީ، ވަޒީފާތަކަށް ކުރިމަތިލުމަށް އެފަދަ ފަރާތްތަކަށް ހުރި ހުރަސްތައް ނައްތާލުމަށް ގެނެސްފައިވާ ބަދަލެކެވެ.

ދާއިމީ ގޮތެއްގައި ދިގުދެމިގެންދާ (ތެލަސީމިއާ ބަލި ފަދަ) ބަލިތަކާއި، އެ ބައްޔެއްގެ ސަބަބުން ނުކުޅެދުންތެރިކަމެއް ކުރިމަތިވާ ބަލިތަކާއި، ނަން ރިވަރސިބަލް ޕެތަލޮޖިކަލް އަލްޓަރޭޝަނެއްގެ ސަބަބުން ކުރިމަތިވާ ބައްޔާއި، ދިގުމުއްދަތަށް ސިއްޙީ ފަރުވާއާއި، ބެލެހެއްޓުން ބޭނުންވާ މީހުންނާއި، ފުރާނަ ސަލާމަތްކުރުމަށްޓަކައި ކޮންމެހެން ދޭންޖެހޭ ފަރުވާއާއި ނުލައި ނޫޅެވޭ މީހުންނަށް ޚާއްޞަކޮށް ހުޅުވާލެވުނު ފުރުޞަތެކެވެ.

މީގެ އިތުރުން ހާއްސައެހީއަށް ބޭނުންވާ މީހުންނަށް ޗުއްޓީ ހަމަޖެއްސުމުގައި ވެސް މިވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ދިގުމުއްދަތަކަށް ބޭސްފަރުވާ ކުރަންޖެހޭ މުވައްޒަފަކަށް ސަލާމުގެ ޗުއްޓީގެ ގޮތުގައި އިތުރު 30 ދުވަސް، ބަލިހާލަތު ހުރިގޮތުން ޚާއްޞަ ޙާލަތެއް ދިމާވެފައިވާ މުވައްޒަފަކަށް ސަލާމުގެ ޗުއްޓީގެ އިތުރަށް، މުސާރަ ލިބޭ ގޮތަށް އަހަރަކު 60 ދުވަސް “ހާއްސަ ސިއްޙީ ބޭނުންތަކަށް ދެވޭ ޗުއްޓީ” ގެ ގޮތުގައި ދެކޭގޮތަށް ވެސް ވަނީ ކަނޑައަޅާފައެވެ. އަދި ކޮންމެ އަހަރަކު 15 ދުވަސް މެޑިކަލް ސެޓިފިކެޓް ހުށަހެޅުމަކާ ނުލާ ސަލާމުގެ ޗުއްޓީ ނެގޭނެއެވެ.

ދިވެހި ސަރުކާރުން މިހާރުވެސް ގެންދަނީ ހާއްސައެހީއަށް ބޭނުންވާ މީހުންނަށް ފަހި މާހައުލެއް ޤާއިމްކުރުމުންނެވެ. އެހެންނަމަވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްޤުތައް ފުރިހަމައަށް ހާސިލްވާ ގޮތަށް ރާއްޖޭގެ ސިޔާސަތު ކަނޑައެޅިފައި ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު ވަނީ ފާހަގަކުރައްވާފައެވެ.

ދިވެހިރާއްޖޭ ގެ އަޑުގެ “ބާއްޖަވެރި ހެދުނު” ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހް ފާހަގަކުރެއްވި ގޮތުގައި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަހި މާޙައުލެއް ޤާއިމުކުރުމަށް ސަރުކާރުންވެސް ދަނީ އެކި ގޮތްގޮތުން މަސައްކަތްކުރަމުންނެވެ. އެހެންނަމަވެސް މިހާތަނަށް އައިރު ރާއްޖޭގެ ސިޔާސަތުތައް ކަނޑައަޅަމުން އައިސްފައިވަނީ ޚާއްޞައެހީއަށް ބޭނުންވާ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަށް ފުރިހަޔަށް ހާސިލްވާ ގޮތަކަށް ނޫނެވެ. އަދި މުޅި ދާއިރާގެ ސިޔާސަތު ރޭވުމުގައި މީގެ ކުރިން އިހުމާލުވެފައިވާ ނަމަވެސް މި ސަރުކާރުން ކަންކަން ރާވާ ހިންގާނީ، މުޖުތަމަޢުގެ އެއްވެސް ބަޔަކު ބާކީ ނުވާނެހެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

“މިހާރުވެސް މިދަނީ ބަދަލުތައް ގެންނަމުން. ގިނަ ކަންކަން ބަދަލުކުރަންވެސް އެބަހުރި. އަޅުގަނޑުގެ އާއިލާގައިވެސް އެފަދަ ކުދިން އުޅޭތީ އެ އިޙުސާސްތައް އެނގޭ. ބޭނުންވާ އެހީތައް ލިބޭނެ. ސިޔާސަތުތައް ބަދަލުވެގެންދާއިރު މި ދާއިރާއަށް ހެޔޮ ބަދަލު ގެންނާނަން.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.