English Edition
Dhivehi Edition
2020 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 5 ވަނަ ޖަލްސާގެ ތެރެއިން - ފޮޓޯ: މަޖިލިސް

ރިކަރަންޓް ހަރަދަށް 42.7 ބިލިއަން ރުފިޔާ ކަނޑައަޅައި، އަންނަ އަހަރަށް ލަފާކުރާ 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އަންނަ އަހަރަށް ފާސްކުރި ބަޖެޓުގައި ޖުމްލަ ހަރަދުގެ ގޮތުގައި 52.6 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ އިރު، ރިކަރަންޓް ހަރަދަށް ހިމެނި 42.7 ބިލިއަން ރުފިޔާއަކީ މުޅި ބަޖެޓުގެ ގާތްގަނޑަކަށް 71.5 ޕަސަންޓެވެ. އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 9.8 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ އިރު، އޭގެ ތެރެއިން ޕީއެސްއައިޕީ މަޝްރޫއުތަކަށް ހިމަނާފައި ވަނީ 8.2 ބިލިއަން ރުފިޔާ އެވެ.

ސަރުކާރުން ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ބަޖެޓު ފާސްކުރީ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 78 މެންބަރުންގެ ތެރެއިން 65 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. ބަޖެޓު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ 13 މެންބަރުންނެވެ.

ބަޖެޓު ދިރާސާކުރާ ކޮމިޓީގެ ރިޕޯޓަށް އިދިކޮޅު އެމްޑީޕީގެ މެންބަރުން 23 އިސްލާހެއް ހުށަހެޅުއްވި ނަމަވެސް، މަޖިލީހުގެ ގަވާއިދަށް ފެތޭ ކަމަށް ރިޔާސަތުން ކަނޑައެޅީ ހަތް އިސްލާހެކެވެ. ނަމަވެސް، ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުގައި އެ އިސްލާހުތަކަށް ވޯޓަށް އެހުމުން އެންމެ އިސްލާހެއް ވެސް ފާސްވެފައެއް ނުވެ އެވެ.

އަންނަ އަހަރު ދައުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާ އިރު، މިއީ މި އަހަރަށް ވުރެ 1.4 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 77 ޕަސަންޓް ނުވަތަ 33.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައި ވަނީ ޓެކްސް އާމްދަނީގެ ގޮތުގަ އެވެ.

މީގެ އިތުރުން، ފާސްކުރި ބަޖެޓުގެ ޑެފިސިޓަކީ 9.4 ބިލިއަން ރުފިޔާ ކަމަށް ވާއިރު، އަންނަ އަހަރު ނިމޭއިރު ދައުލަތުގެ ޖުމްލަ ދަރަނި 161.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި އަންނަ އަހަރު ރާއްޖޭގެ ޖީޑީޕީ 129.5 ބިލިއަން ރުފިޔާގައި ހުންނާނެ ކަމަށް ވެސް ބަޖެޓުގައި އަންދާޒާކޮށްފައިވެ އެވެ.