English Edition
Dhivehi Edition
އުމުރުން ދުވަސްވީމީހަކު އޮފީހެއްގައި

ދުނިޔޭގެ ނިސްބަތުން ވެސް އެންމެ ހަލުވި މިނުގައި އާބާދީ މުސްކުޅިވަމުންދާ އެއް ގައުމަކީ ރާއްޖެ ކަމަށާއި، ކުރިއަށް އޮތް 13 އަހަރުގެ ތެރޭގައި ރާއްޖެއަށް ބޮޑު ޑެމޮގްރަފިކް ބަދަލެއް އަންނާނެ ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ. ވޯލްޑް ބޭންކުން މި މަހު ނެރުނު “ޑެމޮގްރަފިކް ޗޭންޖް އިން ސައުތު އޭޝިއާ: ފްރޮމް ޓެއިލްވިންޑްސް ޓު ހެޑްވިންޑްސް ފޯ ޑިވެލޮޕްމަންޓް” ރިޕޯޓުގައިވާ ގޮތުން، ރާއްޖޭގެ އާބާދީގެ ބޮޑު ބަދަލެއް އަންނާނެ ކަމަށް ބެލެވެނީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގަ އެވެ.

އެ ރިޕޯޓުގައިވާ ގޮތުން، ދެކުނު އޭޝިއާގެ އެހެން ގައުމުތަކާ ހިލާފަށް އާބާދީ މުސްކުޅިވުމުގެ ކުރިން މުއްސަނދި ގައުމަކަށް ވުމުގެ ގާބިލުކަން އޮތީ ހަމައެކަނި ރާއްޖެއަށެވެ. ނަމަވެސް، އާބާދީ މުސްކުޅިވަމުންދާ ދުވެލި ހަލުވިކަމުން ރާއްޖެއަށް އޮތީ ވަގުތާ އެކު ކުރަންޖެހޭ ވަރުގަދަ ރޭހެކެވެ. ރާއްޖޭގެ ބޮލަކަށް ޖެހޭ އާމްދަނީ މިހާރު ވެސް ސަރަހައްދުގެ އެހެން ގައުމުތަކަށް ވުރެ މާ މަތީގައި އޮތް ނަމަވެސް، މި ފުރުސަތުގެ ބޭނުން ހިފުމަށް ވަގުތު ވަނީ ކުޑަތަންވެފަ އެވެ.

ދެކުނު އޭޝިއާގެ އެވްރެޖް ގައުމެއް މުސްކުޅިވަމުންދާ އާބާދީއަކުން މުސްކުޅި އާބާދީއަކަށް ބަދަލުވާން 25 އަހަރު ނަގާނެ އެވެ. ތަރައްގީވަމުން އަންނަ އެހެން ގައުމުތަކުގައި މިކަމަށް އެވްރެޖްކޮށް 32 އަހަރު ނަގާއިރު، ކުރިއަރާފައިވާ ގައުމުތަކުގައި 46 އަހަރު ނަގާފައިވެ އެވެ. އެކަމަކު ރާއްޖޭގައި މި ބަދަލު އަންނާނީ އެންމެ 13 އަހަރުގެ ތެރޭގަ އެވެ. އެއީ ރާއްޖޭގެ އާބާދީގެ ހަތް ޕަސަންޓަކީ 65 އަހަރުން މަތީގެ މީހުން ކަމަށް ވެ، “މުސްކުޅިވަމުންދާ އާބާދީއެއް” ގެ ދަރަޖައަށް ބަދަލުވާ ހިސާބުން ފެށިގެންނެވެ.

މި ބަދަލާ އެކު، މަސައްކަތްކުރާ އުމުރުގެ (15-64 އަހަރުގެ) އާބާދީގެ ނިސްބަތް އެންމެ މައްޗަށް ދިއުމަށް ފަހު، 2033 ވަނަ އަހަރުގެ ފަހުން އެ ނިސްބަތް ދަށްވާން ފަށާނެ ކަމަށް ލަފާކުރެވެ އެވެ. އަދި އާބާދީގެ 14 ޕަސަންޓަކީ 65 އަހަރުން މަތީގެ މީހުންނަށް ވެ، ރާއްޖެއަކީ “މުސްކުޅި އާބާދީއެއް” އޮތް ގައުމަކަށް ބަދަލުވާނެ އެވެ. 2050 އާ ހަމައަށް ދާއިރު މި ނިސްބަތް 20 ޕަސަންޓަށް ވުރެ މައްޗަށް އަރާނެ ކަމަށް ވެސް ރިޕޯޓުގެ ހިސާބުތަކުން ދައްކަ އެވެ.

އެހެންކަމުން 2044 ވަނަ އަހަރުގެ ކުރިން އިގްތިސާދީ އަދި އިޖުތިމާއީ ބޮޑެތި އިސްލާހުތަކެއް ނުގެނެސްފި ނަމަ، މުއްސަނދި ގައުމަކަށް ވުމަށް އޮތް ހަނި ފުރުސަތު ގެއްލިދާނެ ކަމަށް ވޯލްޑް ބޭންކުން ވަނީ އިންޒާރުދީފަ އެވެ. ހާއްސަކޮށް ދައުލަތުގެ ހަރަދުތައް ބޮޑުވެފައިވާ މި ދަނޑިވަޅުގައި، އާބާދީ މުސްކުޅިވުމުން ސިއްހީ ހިދުމަތްތަކަށާއި އިޖުތިމާއީ ރައްކާތެރިކަމަށް ކުރަންޖެހޭ ހަރަދުތައް އިންތިހާއަށް އިތުރުވާނެތީ، ޕެންޝަން ނިޒާމު ދެމެހެއްޓެނިވި ކުރުމާއި، ސިއްހީ ނިޒާމު ހަރުދަނާކުރުމާއި، ވަޒީފާގެ ބާޒާރުގައި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންގެ ޝާމިލުވުން އިތުރުކުރަން ޖެހޭ ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.