English Edition
Dhivehi Edition
ތުރުކީވިލާތުގައި ބާއްވާ ކޮޕް31 ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފުރާވަޑައިގަތުން

ތުރުކީވިލާތުގައި ކުރިއަށްދާ ކޮޕް31 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރާއްޖޭގެ މަތީ ފަންތީގެ ވަފުދަކާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއް ފައްޓަވައިފިއެވެ. ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.

މިއަދުން ފެށިގެން މިމަހުގެ 14 ގެ ނިޔަލަށް ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދާ މި ސަމިޓަކީ އދ. ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުއާހަދާގެ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ 31 ވަނަ ސެޝަނެވެ. މި ބައްދަލުވުމަކީ މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ދުނިޔޭގެ ފެންވަރުގައި އަޅަންޖެހޭ ފިޔަވަޅުތައް އަވަސްކުރުމަށްޓަކައި ބާއްވާ މުހިންމު ސަމިޓެކެވެ.

މި ދަތުރުފުޅުގެ ތެރެއިން ދިވެހިރާއްޖޭގެ ފަރާތުން ރައީސް ގައުމީ ބަޔާން އިއްވެވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ސަމިޓުގެ ހަވާސާގައި ކުރިއަށްދާ މަތީ ފަންތީގެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެން، އެކި ގައުމުތަކުގެ ލީޑަރުންނާއެކު ރަސްމީ ބައްދަލުވުންތައް ބޭއްވެވުމަށް ވެސް ވަނީ އެޖެންޑާ ކުރެވިފައެވެ.

ކޮޕް31 ގައި ދުނިޔޭގެ ގައުމުތަކުގެ އިސްވެރިންގެ އިތުރުން ވިޔަފާރިވެރިންނާއި، ޒުވާނުންނާއި، މޫސުމާ ބެހޭ ސައިންސްވެރިން އަދި މަދަނީ ޖަމިއްޔާތައް ބައިވެރިވެއެވެ. މި ފަރާތްތަކުން އެއްތަނަކަށް އެއްވެ ތިމާވެށީގެ ދާއިރާއިން އެ ބޭފުޅުންގެ ތަޖުރިބާތަކާއި ހޯދުންތައް ބަދަލުކުރާނެއެވެ.

މި ސަމިޓަކީ 1992 ވަނަ އަހަރު އުފަންވި ތާރީހީ ޔޫއެންއެފްސީސީސީ މުއާހަދާގެ ދަށުން ބާއްވާ 31 ވަނަ ސަމިޓެވެ. މިއީ 2015 ވަނަ އަހަރު ދުނިޔޭގެ ގައުމުތަކުން އެއްބަސްވި ޕެރިސް އެގްރީމެންޓުގެ ވެސް މައި އަސާސެވެ.