English Edition
Dhivehi Edition
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު

ރާއްޖޭގެ މައިގަނޑު ދެ ސިނާއަތް ކަމަށްވާ ޓޫރިޒަމާއި މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، ރަށްތައް ހިމާޔަތްކުރުމުގެ އިތުރުން ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިއަދު ވިދާޅުވެއްޖެ އެވެ.

ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން ދުސިތު ޑީޓޫ ފޭދޫ ރިސޯޓުގައި ކުރިއަށްގެންދާ މޯލްޑިވްސް ފައިނޭންސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސީދާ އަސަރު ރާއްޖޭގެ އިގްތިސާދަށާއި ރައްޔިތުންގެ ދިރިއުޅުމަށް ކުރަމުންދާ ކަމަށެވެ. އެހެންކަމުން، ގައުމު ތަރައްގީ ކުރުމަށްޓަކައި އިއާދަކުރަނިވި ހަކަތަ އާއި ތިމާވެށި ހިމާޔަތްކުރުމުގެ އިތުރުން ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އިންވެސްޓްކުރަން ޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މޫސުމީ ނުރައްކަލަކީ ސީދާ އިގްތިސާދީ ނުރައްކަލެކެވެ. އަދި އިގްތިސާދީ ނުރައްކާތަކަކީ ކޮންމެހެން މެނޭޖްކުރަންޖެހޭ ކަންކަން ކަމަށް ވިދާޅުވެ، ވަރުގަދަ އުމްރާނީ ވަސީލަތްތައް ބިނާކުރުމަށާއި އަސާސީ ހިދުމަތްތައް ރައްކާތެރިކުރުމަށް ދައުލަތުގެ ބަޖެޓާއި، އިންޓަނޭޝަނަލް އެހީގެ އިތުރުން ލުއި ލޯނު އެހީ އަދިވެސް ވަރަށް މުހިންމު ކަމަށް ޒަރީރު ވިދާޅުވި އެވެ.

“މޫސުމީ ނުރައްކަލަކީ އިގްތިސާދީ ނުރައްކަލެއް. އަދި އިގްތިސާދީ ނުރައްކާތަކަކީ މެނޭޖްކުރަންޖެހޭ ކަންކަން،” ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން، އަންނަން އޮތް ޖީލުތަކަށް ދަރަނީގެ ބުރަ ބޮޑުނުވާނެ ގޮތަކަށް މިފަދަ ބޭނުންތައް ފުއްދުމަށްޓަކައި، އަމިއްލަ ފަރާތްތަކުގެ ކެޕިޓަލް އިންވެސްޓްމަންޓްތަކާއި މާލީ އިދާރާތަކުގެ ދިގުމުއްދަތުގެ އިންވެސްޓްމަންޓްތައް މުހިންމު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ސަރުކާރުން “ނޭޝަނަލް ސަސްޓެއިނަބަލް ފައިނޭންސް ރޯޑްމެޕް” އާއި “ނޭޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ” ކުރިއަށްގެންދާއިރު، ގްރީން ކްލައިމެޓް ފަންޑަށް ސީދާ އެކްސެސް ލިބޭ ރާއްޖޭގެ ފުރަތަމަ ފަރާތުގެ ގޮތުގައި މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ) އެކްރެޑިޓްވުމަކީ އިންޓަނޭޝަނަލް މޫސުމީ ފަންޑުތައް ހޯދުމަށް ލިބުނު އިތުރު ބާރެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

 

މިނިސްޓަރު ޒަރީރު އިތުރަށް ވިދާޅުވީ ގްރީން ފައިނޭންސްގެ ކާމިޔާބީ މިނެކިރަންވާނީ ހިންގޭ މަޝްރޫއުތަކާއި އޭގެއިން ނުކުންނަ ނަތީޖާއިން ކަމަށެވެ. އެގޮތުން އެފަދަ މަޝްރޫއުތަކުގެ ތެރެއިން ވަރުގަދަ އުމްރާނީ ވަސީލަތްތައް ގާއިމުވުމާއި، ހަކަތަ އުފެއްދުމުގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަވުމުގެ އިތުރުން، ދިވެހިންނަށް ލިބޭ މާލީ ރައްކާތެރިކަން އިތުރުވާ މިންވަރު ބަލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.