ރާއްޖޭގެ ރިޓަޔަމަންޓް ޕެންޝަން ސްކީމް (އެމްއާރްޕީއެސް) ގައި ބައިވެރިވި މީހުންގެ އަދަދު 204،549 އަށް އަރާފައިވާ ކަމަށް ޕެންޝަން އޮފީހުގެ ސީއީއޯ ޔަޒްމީދު މުހައްމަދު ހާމަކުރައްވައިފި އެވެ. ދުސިތު ޑީ2 ފޭދޫ ރާއްޖޭގައި ބޭއްވި މޯލްޑިވްސް ފައިނޭންސް ފޯރަމްގައި ވާހަކަދައްކަވަމުން އޭނާ ބުނީ، މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޕެންޝަން ފަންޑުގެ ޖުމްލަ އަދަދު 30.3 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ.
ޕެންޝަން ފަންޑު 30 ބިލިއަނަށް ވުރެ މައްޗަށް އަރާފައިވާ އިރު، މިދިޔަ 12 މަސް ދުވަހުގެ ތެރޭގައި އެ ފަންޑުން 16.8 މިލިއަން ރުފިޔާ ރިޓަޔަމެންޓް ޕެންޝަންގެ ގޮތުގައި ވަނީ ދޫކޮށްފަ އެވެ. މީގެ އިތުރުން، ސަރުކާރުން ދޫކުރާ ޕެންޝަންގެ ގޮތުގައި މިދިޔަ 12 މަސް ތެރޭގައި 158 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ.
2012 ވަނަ އަހަރުން ފެށިގެން ޕެންޝަން އޮފީހުން ބާއްވަމުން އަންނަ މޯލްޑިވްސް ފައިނޭންސް ފޯރަމްގައި މި އަހަރު އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ރާއްޖޭގައި ގްރީން ފައިނޭންސް ކުރިއެރުވުމަށް ހުރި ހުރަސްތަކާއި އަމަލީ ހައްލުތަކުގެ އިތުރުން ބޭނުންކުރެވިދާނެ މާލީ ވަސީލަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށެވެ. އެގޮތުން ޕެންޝަން އޮފީހުން އެންމެ ބޮޑު އިސްކަމެއް ދެނީ ރާއްޖޭގައި ކުރެވޭ އިންވެސްޓްމަންޓްތައް ޑައިވާސިފައިކޮށް އެންމެ ފައިދާ ހުރި ގޮތުގައި ޕޯޓްފޯލިއޯ އެކުލަވައިލުމަށް ކަމަށް ޔަޒްމީދު ބުންޏެވެ.
“މިއަދު އަހަރެމެން ނިންމާ ނިންމުންތަކުން ސީދާ ކަނޑައަޅާނީ ދުރު މުސްތަގުބަލުގައި އަހަރެމެންގެ މެމްބަރުންނާއި ޕެންޝަނަރުންގެ މާލީ ރައްކާތެރިކަން،” ޔަޒްމީދު ބުންޏެވެ. އޭނާ އިތުރަށް ފާހަގަކުރި ގޮތުގައި، އަންނަން އޮތް ޖީލަށް މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި އިންވެސްޓްމެންޓްތަކަށް އިސްކަން ދޭން ޖެހޭ ކަމަށާއި، ކޮންމެ އިންވެސްޓްމަންޓަކީ ވެސް ހިރާސްތައް ވަޒަންކުރެވިފައިވާ ފައިދާހުރި އިންވެސްޓްމަންޓަކަށް ވާންޖެހޭނެ އެވެ.
މޫސުމީ ބަދަލުތަކުގެ ސަބަބުން މަސްވެރިކަމާއި ޓޫރިޒަމް އަދި ކުދި ވިޔަފާރިތަކަށް ކުރިމަތިވާ ގެއްލުންތަކާ ގުޅިގެން އާމްދަނީ ދަށްވެ، ޕެންޝަން ކޮންޓްރިބިއުޝަން މެދުކެނޑުމުގެ ފުރުސަތު އޮތްކަން އޭނާ ފާހަގަކުރި އެވެ. އެހެންކަމުން، ޕެންޝަން ފަންޑުގެ ދިގު މުއްދަތުގެ ކުރިއެރުމާއި މެންބަރުންގެ ރިޓަޔަމަންޓުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ގައުމުގެ އިގްތިސާދު ވަރުގަދަކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ޔަޒްމީދު ބުންޏެވެ.