English Edition
Dhivehi Edition
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް - ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

ދެ ދާއިރާއަކުން އިންޓަނޭޝަނަލް ސޯޝަލް ސެކިއުރިޓީ އެސޯސިއޭޝަން (އިސާ) މިންގަނޑުތައް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ޙާސިލުކޮށްފި އެވެ.

އެގޮތުން ޕެންޝަން އޮފީހުން ބުނީ އެ އޮފީހުގެ މަސައްކަތްތަކުގެ ތެރެއިން ޕެންޝަން ކޮންޓްރިބިއުޝަން ބަލައިގަތުމާއި ކޮމްޕްލަޔަންސް މަސައްކަތްތައް ކުރަމުންދަނީ އިސާގެ މިންގަނޑުތަކަށް ކަމުގައި އެޖަމްއިއްޔާއިން ކަނޑައަޅާފައިވާ ކަމަށެވެ.

އިސާއަކީ އެކި ޤައުމުތަކުގެ އިޖްތިމާއީ ރައްކާތެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުއައްސަސާތަކާއި ސަރުކާރު އޮފީސްތަކާއި ޑިޕާރޓްމަންޓްތަކުގެ މައްޗަށް އެކުލެވޭ ޖަމްއިއްޔާއެކެވެ. ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މިޖަމްއިއްޔާގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިންގުމުގެދާއިރާ ހަރުދަނާކުރުމާއި، މައުލޫމާތާއި ތަޖުރިބާ ހިއްސާ ކުރުމާއި، ޑައިނަމިކް ސޯޝަލް ސެކިއުރިޓީ ނިޒާމުތައް ގާއިމުކުރުމާއި، ސިޔާސަތުތައް ކަނޑައެޅުމުގައި މެންބަރުންނަށް ލަފަޔާއި މަޝްވަރާދީ އެހީތެރިވުން ހިމެނެއެވެ.

ދުނިޔޭގެ 150 ޤައުމަކުން 320 ފަރާތެއް ބައިވެރިވާ މިޖަމްއިއްޔާގެ މެންބަރަކަށް ރާއްޖޭގެ ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ވެފައިވަނީ 2016 ވަނަ އަހަރުއެވެ.