English Edition
Dhivehi Edition
މަޖިލިސް

ދާއިމީ ބަލިތައް ތަހައްމަލުކުރަމުންދާ ފަރާތްތަކަށް އުމުރުން 65 އަހަރު ނުވިޔަސް ޕެންޝަން ފައިސާ ނެގޭ ގޮތަށާއި، ގެދޮރު އިމާރާތް ކުރުމަށް އެ ފަންޑު ބޭނުންކުރެވޭ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް ހުށަހެޅި މުހިންމު އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި މި ބިލު ފާސްވީ މަޖިލީހުގެ 61 މެންބަރުންގެ ބޮޑު އަގުލަބިއްޔަތަކުންނެވެ.

މި އިސްލާހުގެ ދަށުން، އެކަށީގެންވާ ސިއްހީ ފަރުވާ ދިން ނަމަވެސް އެއް އަހަރަށްވުރެ ދިގު މުއްދަތަކަށް ދިރިހުރުމަކީ ނާދިރުކަމެއް ކަމަށް ޑޮކްޓަރަކު ކަނޑައަޅާފައިވާ ހާލަތްތަކުގައި، ޕެންޝަން އެކައުންޓުގައި ހުރި ފައިސާ އެއްފަހަރާ ނުވަތަ ބަހާލައިގެން ނެގުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ އާއިލާތަކަށް މާލީ ގޮތުން ލިބޭނެ ވަރަށް ބޮޑު ތަސައްލީއެކެވެ.

މީގެ އިތުރުން، ގެދޮރުވެރިކަމަށް ހުރި ހުރަސްތައް ނައްތާލުމުގެ ގޮތުން، އަމިއްލަ ބިމުގައި ގެދޮރު އިމާރާތް ކުރުމަށާއި ގޭގެ މަރާމާތަށް ބޭނުންވާ ޑައުންޕޭމަންޓް ދެއްކުމަށް ޕެންޝަން ފަންޑު ބޭނުންކުރެވޭނެ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މީގެ ކުރިން މި ފައިސާ ބޭނުންކުރެވެނީ ހަމައެކަނި ނިމިފައިވާ ފްލެޓް ގަތުމަށް ކަމަށްވީ ނަމަވެސް، އާ އިސްލާހާއެކު އަމިއްލަ ގޯތީގައި ގެދޮރު ބިނާކުރަން ބޭނުންވާ ފަރާތްތަކަށް ޕެންޝަން ފަންޑުގެ އެހީތެރިކަން މިހާރު ލިބޭނެއެވެ.