މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް އާ ސީއީއޯއެއް އައްޔަނުކޮށްފިއެވެ.
އެ އޮފީހުގެ ސީއީއޯއަކަށް އައްޔަންކޮށްފައި ވަނީ އިންޝުއަރަންސާއި ޕެންޝަނާ ބެހޭ ދާއިރާގެ ތަޖުރިބާކާރެއް ކަމުގައިވާ ޖޯން ގްރިންޑަލް އެވެ. ޕެންޝަން އޮފީހުން ބުނީ އޭނާ އަކީ އިނގިރޭސިވިލާތާއި މޯލްޓާގައި މަސައްކަށްކޮށްފައިވާ ތަޖުރިބާކާރެއްކަމަށާއި އޭނާއަކީ ޕެންޝަނާއި އިންޝިއުރަންސް ދާއިރާގައި 25 އަހަރު މަސައްކަތްކޮށްފައިވާ ބޭފުޅެެއްކަމަށެވެ. އަދި އޭނާ އަކީ ޑިފައިންޑް ކޮންޓްރިބިއުޝަން އަދި ޑިފައިންޑް ބެނެފިޓް ފަންޑިންއާއި ޕެންޝަނާ ގުޅޭ އިންވެސްޓްމަންޓް ރިސްކް މޮޑެލިންގެ ދާއިރާގައި ތަޖުރިބާކާރެކެވެ.
ޕެންޝަން އޮފީހަކީ 2009 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ބިލުގެ ދަށުން އުފައްދާފައިވާ އޮފީހެކެވެ.ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ޕެންޝަން އޮފީހުގެ ބޯޑަށް ލިބިދޭ ބާރުގެ ދަށުން އައްޔަނުކުރާ ސީއީއޯގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހުއެވެ. ޕެންޝަން އޮފީހުގެ އިއުލާނުގައި ވަނީ ސީއީއޯގެ މަގާމުގެ މުއްދަތަކީ ތިން އަހަރު ކަމަށާއި ނަމަވެސް ޕަރފޯމަންސަށް ބަލައި މުއްދަތު އިތުރު ކުރެވޭނެ ކަމަށެވެ.