English Edition
Dhivehi Edition
މިއަހަރު ރިވެލި އެވޯޑު ހާސިލުކުރެއްވި ފަރާތްތައް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ހޯދާ ކުރިއެރުންތަކާއި ކާމިޔާބީތައް ފާހަގަކުރުމަށާއި، އެ ފަރާތްތަކުގެ ލާބައާއި މަންފާއަށްޓަކައި އެކި ފަރާތްތަކުން ކުރަމުން އަންނަ އަގުހުރި މަސައްކަތްތައް ބަލައިގަތުމުގެ ގޮތުން ސަރުކާރުން ދެއްވާ ހާއްސަ އެވޯޑު، “ރިވެލި އެވޯޑު 2026” ދިނުމުގެ ހަފްލާ ބާއްވައިފިއެވެ.

ބާސެލޯ ނަސަންދުރާގައި ބޭއްވި މި ހަފްލާ ޝަރަފުވެރިކޮށްދެއްވައި، އެވޯޑު ހާސިލުކުރި ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުހައްމަދެވެ. ރިވެލި އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނާއި، އެފަދަ ފަރާތްތަކަށް އިގްތިސާދީ އަދި އިޖުތިމާއީ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ “އޯގާތެރި މުޖުތަމައު” ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ހިންގޭ މުހިންމު ގައުމީ ހަރަކާތެކެވެ.

މިއަހަރުގެ ރިވެލި އެވޯޑު ޖުމްލަ 6 ދާއިރާއަކުން ދީފައިވާއިރު، އެ ދާއިރާތަކަކީ:

  1. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ
  2. އެކި ރޮނގުތަކުން ރީތި ނަމާއި ފާހަގަކޮށްލެވޭ ކާމިޔާބީ ހޯދައިދީފައިވާ ފަރާތްތަކުގެ ދާއިރާ
  3. ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންނަށް ތައުލީމު ފޯރުކޮށްދިނުމުގެ ދާއިރާ
  4. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިދުމަތްދޭ އަމިއްލަ ޖަމްޢިއްޔާތަކުގެ ދާއިރާ
  5. ފަންނީ އަދި ފަރުދީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ
  6. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އިގްތިސާދީ ގޮތުން ބާރުވެރިކުރުވުމަށް އެހީތެރިވެދޭ ފަރާތްތަކުގެ ދާއިރާ

މި ދާއިރާތަކުން ޖުމްލަ 25 ފަރާތަކުން ނަން ހުށަހަޅާފައިވާއިރު، މިއަހަރުގެ ރިވެލި އެވޯޑު ހާސިލުކުރީ 8 ފަރާތަކުންނެވެ.

  1. އަލީ ސަމީމް، ހދ. ކުރިނބި / ރިހިވެލި (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ)
  2. މުހައްމަދު ނާހިލް ސަލާމް، ސ. މަރަދޫ / އަސްރުމާގެ(ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ)
  3. އާއިޝަތު ޝަފީގު، ހ. ޝަފީގުގެ (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ)
  4. އަބްދުއްރައްޒާގު އަބްދުއްސަމަދު، ށ. ބިލެތްފަހި / ހަވީރީނާޒް (އެކި ގޮތްގޮތުން ދިވެހިރާއްޖެއަށް ރީތި ނަމާއި ކާމިޔާބީތައް ހޯދައިދޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ)
  5. އަމީނިއްޔާ ސްކޫލް (ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ތައުލީމު ފޯރުކޮށްދިނުމުގެ ދާއިރާ)
  6. ފާތިމަތު މުހައްމަދު، ހދ. ކުޅުދުއްފުށި / އަލްފާ (ފަންނީ އަދި ފަރުދީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ)
  7. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ނުކުޅެދުންތެރިކަން ހުންނަ މީހުން އިގްތިސާދީ ގޮތުން ބާރުވެރިކުރުވުމަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ދާއިރާ)
  8. ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އިގްތިސާދީ ގޮތުން ބާރުވެރިކުރުވާ ކުންފުނިތަކުގެ ދާއިރާ)

މީގެއިތުރުން، ދިވެހިރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް، އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތަކުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީން އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލުކުރުމާ ގުޅިގެން، އެ ތާރީހީ ކާމިޔާބީ ފާހަގަކޮށް، އަގުވަޒަންކުރުމުގެ ގޮތުން އިސްމާއީލް ރާހިލް ށ.ކޮމަންޑޫ, އެންދެރިމާގެއަށް މިނިސްޓްރީން ވަނީ ހާއްސަ ހަނދާނީ ފިލައެއް އަރުވާފައެވެ.

.