English Edition
Dhivehi Edition
ހިތަދޫގައި އިމާރާތްކުރާ އެމަޖެންސީ ސެންޓަރު / ފޮޓޯ: އެމްޓީސީސީ

އައްޑޫ ސިޓީގެ އެކި އަވަށްތަކުގައި ކުރިއަށްދާ އަދި ކުރިއަށް ރޭވޭ އިމާރާތްކުރުމުގެ އެންމެހައި މަސައްކަތްތަކަކީ ސަލާމަތީގޮތުންނާއި ފެންވަރުގެ ގޮތުން ރައްކާތެރި، އަދި ކަނޑައެޅިފައިވާ ޤަވާއިދުތަކަށް ފެތޭ މަސައްކަތްތަކެއްކަން ކަށަވަރުކުރުމަށް އައްޑޫ ސިޓީ ކައުންސިލުން އަންގައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އެ އިދާރާއިން ދޫކުރާ ޞައްޙަ ހުއްދައެއް ނެތި އެއްވެސް އަމަލީ މަސައްކަތެއް ފަށައިގެން ނުވާނެ ކަމަށާއި، އަދި މި ހުއްދައިގެ ކޮޕީއެއް ޢިމާރާތް ކުރެވޭ ސައިޓުގެ ބޭރުގައި ފެންނާނެހެން ތަތްކޮށްފައި ބަހައްޓަންވާނެ ކަމަށެވެ، އަދި އިމާރާތުގެ ސްޓްރަކްޗަރަލް ކުރެހުންތަކާއި، ބޭނުންކުރާ ސާމާނު ހުންނަންވާނީ ޤާނޫނުތަކާއި މިންގަނޑުތަކާ އެއްގޮތަށް ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ކައުންސިލުން ބުނީ މި މަސައްކަތްކުރާ ސައިޓުގައި މަސައްކަތްތެރިންނާއި ހިނގާބިނގާވެ އުޅޭ އާންމުންގެ ސަލާމަތަށް ބޭނުންވާ ފެންސުޖެހުމާއި، ސޭފްޓީ ނެޓް ދެމުމުގެ އިތުރުން މުދަލަށް ގެއްލުން ނުވާފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް ފުރިހަމަކުރަންވާނެ ކަމަށެވެ. އަދި ކޮންމެ ސައިޓެއްގައިވެސް ރަޖިސްޓްރީވެފައިވާ ސުޕަވައިޒަރަކު ނުވަތަ އިންޖިނޭރަކު މަސައްކަތް ހިނގާގޮތް ބަލަމުންދާންވާނެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ މި އެންގުމުގައި ކަނޑައެޅިފައިވާ މިންގަނޑުތަކާ ނުބައްދަލުކޮށް ކުރިއަށްދާ މަސައްކަތްތައް ހުއްޓުވުމާއި، ގާނޫނާއި ގަވާއިދުގެ ދަށުން ފިޔަވަޅު އެޅުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވާ ކަމަށެވެ.