English Edition
Dhivehi Edition
އައްޑޫ ސިޓީ ހިތަދޫ

އައްޑޫ ސިޓީގެ ހިތަދޫ ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނު މަގުގެ ޕްރޮޖެކްޓް މަސައްކަތެއް ކުރުމަށްޓަކައި، ހިތަދޫ ޕޮލިސްޓޭޝަނުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އޯ) ގެ ހިތަދޫ ބްރާންޗާ ހަމައަށް އެ މަގުގެ މޫދާވީ ފަޅީގައި އަޅާފައިވާ އަދި އެހެލާފައިވާ އުޅަނދުތައް ނެގުމަށް އައްޑޫ ސިޓީ ކައުންސިލުން އަންގައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ވަނީ އެ ސަރަޙައްދުގައި ހުރި އުޅަނދުތަކުގެ ވެރިފަރާތްތަކުން، އިޢުލާން ކުރާ ދުވަހުން ފެށިގެން 07 ދުވަހުގެ މުއްދަތެއްގެ ތެރޭގައި އެތަކެތި ނަގައި ސަރަޙައްދު ސާފުކޮށް ނިންމުމަށް ވަނީ އެދިފައެވެ.

އިތުރަށް ކައުންސިލުން ބުނީ މި މުއްދަތުގެ ތެރޭގައި ނުނަގައި ހުންނަ އުޅަނދުތަކަކީ ދޫކޮށްލާފައިވާ ތަކެތި ކަމަށް ބަލައި، ކައުންސިލްގެ އިދާރާގެ ފަރާތުން އެތަކެތި އެ ސަރަޙައްދުން ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މިގޮތުން އުޅަނދުތައް ނަގާއިރު، އެ ތަކެއްޗަށް ލިބިދާނެ އެއްވެސް ގެއްލުމަކަށް ކައުންސިލުން ޒިންމާ ނުވާނެ ކަމަށްވަނީ ބުނެފައެވެ.