ދައުލަތުގެ މުވައްޒަފުންގެ މުސާރަ އެއްހަމަ ކުރުމަށްޓަކާ ޢަމަލުކުރަން ފެއްޓި ޕޭ ފްރޭމްވަރކްގެ ދަށުން، އެ ފްރޭމްވާރކްގެ ނަތީޖާ ގެއްލޭ ގޮތަށް ލީގަލް މުވައްޒަފުންގެ މުސާރަ އަށް ބަދަލު އައިސްފައިވާތީ އެކަމާ ބައެއް މުވައްޒަފުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
މި ކަންބޮޑުވުމާ އެކު މި ގަވައިދު އަލުން އިސްލާހުކުރުމަށް މިހާރު ޕެޓިޝަނެއްގައި ސޮއިކުރުމަށް މުވައްޒަފުން ނިންމާފައި ވެއެވެ.
އެގޮތުން ލީގަލް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފެއް ‘އޭއޯ ނިއުސް’ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، 1 ނޮވެމްބަރ 2025 ގެ ކުރިން ލީގަލް އޮފިސަރ ސީއެސް-9-3އަށް 19693.50ރ ލިބޭއިރު މި ގަވައިދަށްފަހު މިހާރު ޕަބްލިކް ސާރވިސް ރޭންކް 7 ލީގަލް އޮފިސަރަށް އެޓެންޑެންސް އެލަވެންސާއެކު 17805.05ރ ލިބެއެވެ. އަދި ލީގަލް އޮފިސަރަކަށް އެޓެންޑެންސް އެލަވަންސް ނުލާ 15105.05 ލިބެއެވެ. އެހެންކަމުން ޕޭފްރޭމްވަރކް ގަ މިކަންތައް އޮތީ ރައިސް ވިދާޅުވިގޮތަކަށް ނޫންކަން ހާމަވެއެވެ. ލީވްއެއް ނެގިޔަސް ނޫނީ ސަރުކާރު ބަންދު ދުވަހެއް އަޔަސް އެޓެންޑެންސް އެލަވަންސް ނުލިބޭއިރު، އެޓެންޑެންސް އެލަވަންސް އާނުލާ ގެއަށް ގެންދަން ލިބޭވަރު މި އަދަދަށް ވުރެ ގިނަ ވާންޖެހޭނެ ކަމަށް މިނޫހާ ވާހަކަދެއްކި މުވައްޒަފު ބުންޏެވެ.
މީގެ އިތުރަށް އެ މުވައްޒަފު ބުނީ، ލީގަލް އޮފިސަރަކަށް ވެވެނީވެސް އޭގެ ޒާތުގަ ލީގަލް ދާއިރާއިން ޑިގްރީ ހާސިލް ކުރުމަށްފަހު ކަމަށްވާއިރު މުސާރަ ކުޑަކޮށްފައި، އެސިސްޓެންޓް ޑިރެކްޓަރ އަކަށް ޑިޕްލޮމާ ސެޓްފިކެޓެއް އޮވެގެން ވެވޭއިރު ދައުލަތުގެ ޕޭފްރޭމްވޯރކް އިން އެސިސްޓެންޓް ޑިރެކްޓްރ އަކަށް 20ހާހުން މަތީގެ މުސާރައެއް ކަނޑައެޅުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށް އޭނާ ބުންޏެވެ.
ދައުލަތުގެ ޕޭ ފްރޭމްވާރކަށް ބަދަލު ގެނެސްފައި ވަނީ މި ހިނގާ ނޮވެމްބަރ މަހުން ފެށިގެން އަމަލުކުރާ ގޮތަށެވެ. ޕޭ ފްރޭމްވާރކް ގެ އޮނިގަނޑަށް ގެނެސްފައިވާ 8 ވަނަ އިސްލާހުގެ ތެރެއިން 3 ދާއިރާއަކުން މުސާރަ އެއް ހަމަ ކުރެވޭނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ސިވިލް ސަރވިސް މުވައްޒަފުންނާއި ކައުންސިލްތަކުގެ މުވައްޒަފުންގެ އިތުރުން ޖުޑިޝަރީ ދާއިރާ އެވެ. އަދި ބައެއް ތަންތަނަށް އައި ބަދަލަށް އަމަލުކުރަން ފެށުމުން ބައެއް އިދާރީ މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބޭ ނިސްބަތަށް ވުރެ އެ ތަންތަނުގައި ތިބި މަސައްކަތު މީހުންގެ މުސާރަ ބޮޑުވާ ކަމަށް ވެސް ވާހަކަ ދެކެވެއެވެ.