ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސްގެ އިތުރުން މިނިސްޓަރުންގެ މުސާރަ ބޮޑު ކުރަން މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.
މިއަދު މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމާ ގުޅިގެން މިހާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބޭ އަސާސީ މުސާރަ 100،000 ރުފިޔާއިން 120،000 ރުފިޔާއަށް ބޮޑުވެގެން ދާނެއެވެ. އަދި ނައިބު ރައީސަށް ލިބޭ 75،000 ރުފިޔާ 93،000 ރުފިޔާއަށް ބޮޑުވެގެންދާނެއެވެ. މީގެ އިތުރުން ވަޒީރުންނަށް މިހާރު ލިބެމުންދާ 66،000 ރުފިޔާ 74،000 ރުފިޔާ އަށް ބޮޑުކުރުމަށް ވެސް މިއަދު މާލިއްޔަތު ކޮމިޓީއިން ވަނީ ފާސްކޮށްފައެވެ.
މީގެ އިތުރުން މާލިއްޔަތު ކޮމިޓީއިން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް 80،000 ރުފިޔާ، މަޖިލީހުގެ ރައީސްއަށް 90،000 ރުފިޔާ، މަޖިލީހުގެ ނައިބު ރައީސްއަށް 88،000 ރުފިޔާގެ މުސާރައެއް ދިނުމަށްވެސް ފާސްކޮށްފައެވެ. މީގެ އިތުރުން އުއްތަމަ ފަނޑިޔާރަށް 91،000 ރުފިޔާ، އެމްއެމްއޭގެ ގަވަރުނަރަށް 74،000 ރުފިޔާ އަދި އޮޑިޓާ ޖެނެރަލް އާއި ޕްރޮސެކިއުޓަ ޖެނެރަލަށް 74،000 ރުފިޔާގެ މުސާރައެއް ވަނީ ފާސްކޮށްފައެވެ،
މާލިއްޔަތު ކޮމިޓީއިން މިނިވަން މުވައްސަސާތަކުގެ މެންބަރުންނާ، އިދާރާތަކުގެ ޑިރެކްޓަރުންނާ، ބޯޑު މެންބަރުންގެ އިތުރުން ސިޓީ އަދި ރަށު ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމަށް ވެސް މިއަދު ވަނީ ފާސްކޮށްފައެވެ، މި ގޮތުން ސިޓީ ކައުންސިލެއްގެ މޭޔަރުންނަށް 46،000 ރުފިޔާ، ޑެޕިއުޓީ މޭޔަރަށް 40،500، ސިޓީ ކައުންސިލް މެމްބަރުންނަށް 35،000 ރުފިޔާގެ މުސާރައެއް ދިނުމަށް ވަނީ ފާސްކޮށްފައެވެ. އަދިއަތޮޅު ކައުންސިލްގެ ރައީސުންނަށް 33،000، ރަށު ކައުންސިލްގެ ރައީސުންނަށް 25،500، ރަށު ކައުންސިލްގެ ނައިބުންނަށް 20،000ގެ އިތުރަށް ރަށު ކައުންސިލަރުންނަށް 18،000 ރުފިޔާގެ މުސާރައެއް ދިނުމަށް ވެސް ވަނީ ފާސްކޮށްފައެވެ.
މާލިއްޔަތު ކޮމިޓީން މިއަދު މުސާރަތައް ބޮޑުކުރަން ފާސްކުރި ނަމަވެސް މިކަމާ މެދު ފަހުގެ ނިންމުން ނިންމާނީ ކޮމިޓީ ރިޕޯޓަށް ބަހުސްކުރުމަށްފަހު މަޖިލީހުގެ ތަޅުމުންނެވެ.