English Edition
Dhivehi Edition
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

ރަސްމާލޭގައި ތަރައްގީކުރުމަށް ރާވާފައިވާ ބިޔަ މަޝްރޫއު “އީގަލް ހިލްސް” ކާމިޔާބުވެގެން ދިއުމަކީ އިދިކޮޅު ފަރާތްތަކުގެ ސިޔާސީ މުސްތަގުބަލަށް އެޅޭނެ ބޮޑު ހިޔަންޏެއް ކަމަށާއި، އެ ފަރާތްތަކުން އެ މަޝްރޫއާ ދެކޮޅަށް ދައްކަނީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ދައްކާ ސިޔާސީ ވާހަކަތަކެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ބޭއްވި “އަހާ” ފޯރަމްގައި އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ދިގު މުއްދަތަކަށް ބިން ނުވަތަ ރަށްތައް ކުއްޔަށް ދިނުމާ ގުޅުވައިގެން އިދިކޮޅުން ފާޑުކިޔުންތައް އަމާޒުކުރި ނަމަވެސް، 99 އަހަރަށް ތަންތަން ކުއްޔަށް ދިނުމަކީ 2013 އާއި 2018 އާ ދެމެދު ރާއްޖޭގައި ފެށިފައިވާ ކަމެއް ކަމަށެވެ. އަދި މިހާރުވެސް 54 އެއްހާ ރިސޯޓު 99 އަހަރުގެ މުއްދަތަށް ދޫކޮށްފައިވާ ކަމަށާއި، އެއް ބިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ހިއްކާ ބިމުގެ 30 ޕަސަންޓު ތާއަބަދަށް ވިއްކޭ ގޮތަށް ކުރީގެ ސަރުކާރަކުން ގާނޫނު ބަދަލުކުރިކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ އިގްތިސާދީ ކުރިއެރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިހާރުގެ އާމްދަނީއާއި ހަރަދުގެ ނިސްބަތަށް ބަލާއިރު އިގްތިސާދަށް ބޮޑު ބަދަލެއް ނުގެނެސް ސަރަހައްދީ ވާދަވެރިކަމުގެ ތެރޭގައި ދެމިއޮތުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި 2040 ވަނަ އަހަރު އަންނައިރު ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރު ހަގީގަތަކަށް ހެދޭނީ އީގަލް ހިލްސް ފަދަ ބޮޑެތި މަޝްރޫއުތައް ހިންގައިގެން ކަމަށް ވެސް ވިދާޅުވި އެވެ.

އިގްތިސާދު ސިންދަފާތު ކުރުމާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ހަމަހިމޭންކަމުގެ އިތުރުން މެހެމާންދާރީގެ މާތް ސިފަތަކާ ނުގުޅޭ ސިނާއަތްތައް ރާއްޖެއަށް ނުގެނެވޭނެ ކަމަށެވެ. އެހެންކަމުން ގުދުރަތީ ރީތިކަމަށް ބިނާކޮށް ރިއަލް އެސްޓޭޓްގެ ދާއިރާ ފުޅާކުރުމަކީ މި ވަގުތަށް އެންމެ އެކަށީގެންވާ މަގު ކަމުގައި މިނިސްޓަރު ބަޔާންކުރެއްވި އެވެ.

މީގެއިތުރުން، ފާއިތުވި 54 އަހަރުގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމަށް ގެނެވުނު މުޅި އެސެޓްގެ އަގާ ގާތްކުރާ ވަރުގެ ބޮޑު އިންވެސްޓްމަންޓެއް ކަމަށްވާ “އީގަލް ހިލްސް” މަޝްރޫއުގެ ސަބަބުން އަހަރަކު އިތުރު އެއް މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އަލަށް ތަރައްގީކުރި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ އަހަރަކު 4 އިން 5 މިލިއަން ޓޫރިސްޓުންނަށް ހިދުމަތް ދެވޭ ފެންވަރަށް ތައްޔާރުކޮށްފައިވާ ތަނެއް ކަމަށާއި، މި ބިޔަ މަޝްރޫއާއެކު ގައުމުގެ އިގްތިސާދު އާ އުސްމިންތަކަކަށް ވާސިލުވާނެ ކަމަށް ވިދާޅުވި އެވެ.