English Edition
Dhivehi Edition
މެޑަމް ސާޖިދާ މުހައްމަދު

ދިވެހި އޮފީސްތަކަކީ މުވައްޒަފުންނަށް ނަފުސާނީ ދުޅަހެޔޮކަން ކަށަވަރުވާ އަދި ހިދުމަތް ހޯދާ ފަރާތްތަކަށް ހިތްހަމަޖެހުން ލިބޭ ތަންތަނަށް ހަދަންޖެހޭ ކަމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ މަސައްކަތު މާހައުލުގައި ނަފުސާނީ ދުޅަހެޔޮކަން ހަރުދަނާކުރުމަށް ބާއްވާ މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ސާޖިދާގެ ވާހަކަފުޅުގައި، މި މަހާސިންތާގެ ތެރެއިން ދިރާސާތަކުގެ މައްޗަށް ބިނާކޮށް އިލްމީ އަދި އަމަލީ ކަރުދާސްތަކެއް އެކުލަވާލުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ހުރިހާ މުވައްޒަފުންނަށް އިހުތިރާމްކޮށް، އެކުވެރި މާހައުލެއް ގާއިމުކޮށްގެން އުފެއްދުންތެރިކަން އިތުރުކުރުމަށް އެކަމަނާ އެދިވަޑައިގެންނެވިއެވެ.

އޮފީހަށް އަންނަ ކޮންމެ މުވައްޒަފެއްގެ ނަފުސާނީ ހާލަތަށް ފަރުވާތެރިވާންޖެހޭކަން ފާހަގަކުރައްވަމުން، ސިވިލް ސަރވިސްގައި މަސައްކަތްކުރާ އެތައް ހާސް މުވައްޒަފުންގެ ނަފުސާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމަކީ ނުހަނު ބޭނުންތެރި ކަމެއްކަމަށް ސާޖިދާ ވިދާޅުވިއެވެ.

“އޮފީހަށް އަންނައިރު ކޮންމެ މުވައްޒަފެއްގެ ހިތުގައިވެސް އާއިލީ، ސިއްހީ، އަދި ދަރިންގެ ކިޔެވުން ފަދަ ކަންކަމާއި ގުޅޭ ތަފާތު ފިކުރުތަކާއި އުދާސްތައް ހުންނާނެ،” ސާޖިދާ ވިދާޅުވިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސްހިސާބުތަކުން ޑިޕްރެޝަނާއި ހާސްކަމުގެ ސަބަބުން އަހަރަކު 1 ޓްރިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ދުނިޔޭގެ އިގްތިސާދަށް ވާކަން ފާހަގަކުރައްވައި، ރާއްޖޭގެ ކޮންމެ ފަސް މީހަކުން އެކަކީ ޑިޕްރެޝަން ތަހައްމަލުކުރާ މީހެއްކަން 2021 ގެ ސްޓެޕްސް ސާވޭއިން ދައްކާތީ މަސައްކަތުގެ މާހައުލުގައި ދިމާވާ ތަފާތުކުރުންތަކާއި ނުތަނަވަސްކަން ނައްތާލުމަށް އެކަމަނާ ގޮވާލެއްވިއެވެ.

ސިވިލް ސަރވިސްގެ ސުޕަވައިޒަރުންނާއި މެނޭޖަރުންނަށް ހާއްސަކޮށްގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މަހާސިންތާއަކީ ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓާއި، ސިވިލް ސަރވިސް ކޮމިޝަން އަދި ޑަބްލިއުއެޗްއޯ ރާއްޖެ ގުޅިގެން ބާއްވާ މަހާސިންތާއެކެވެ. މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ގީލާ އަލީގެ އިތުރުން ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުހައްމަދު މުޖުތާޒު ބައިވެރިވެވަޑައިގެންނެވިއެވެ.