English Edition
Dhivehi Edition
ރައީސް މުއިއްޒު ރިޔާސީ ބަޔާން ދެއްވަނީ: ފޮޓޯ މަޖިލިސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި، މި މަހުގެ 20 އިން 22 އަށް އެ ގައުމަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. މި ދަތުރުފުޅުގެ އެންމެ ހާއްސަ އެއް ކަމަކީ ދެ ގައުމުގެ ގުޅުން އާ ހަރުފަތަކަށް ގެންދިއުމަށްޓަކައި އެކި ދާއިރާތަކުން މުހިންމު 12 އެއްބަސްވުމެއްގައި ސޮއިކުރުމަށް ނިންމާފައިވުމެވެ.

މި ދަތުރުފުޅުގައި ރައީސް މުއިއްޒުގެ އަރިހުގައި ސަރުކާރުގެ ވަޒީރުންނާއި ކަމާގުޅޭ އިސް ބޭފުޅުންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެ އެވެ. އިސްލާމްއާބާދުގައި ބާއްވާ ރަސްމީ މަޝްވަރާތަކުގައި ޕާކިސްތާނުގެ ޕްރައިމް މިނިސްޓަރު ޝެހްބާޒް ޝަރީފާއި އެ ގައުމުގެ ރައީސް އާސިފް އަލީ ޒަރުދާރީއާ އެކު ދެ ގައުމުގެ މަސްލަހަތު ހިމެނޭ އެކި ދާއިރާތަކުން ފުޅާ ދާއިރާއެއްގައި ވާހަކަދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ.

ދެ ގައުމުގެ ދެމެދުގައި ސޮއިކުރުމަށް ތައްޔާރުވަމުންދާ އެއްބަސްވުންތަކުގެ ތެރޭގައި ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުމާއި، ސިއްހީ ދާއިރާއާއި މަތީ ތައުލީމާއި ދިރާސާތަކުގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އިތުރުން ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުން ހިމެނެ އެވެ. އަދި މާލީ ދާއިރާ، ޓެކްނޮލޮޖީ، މަޖިލިސްތަކުގެ ގުޅުން، ޓޫރިޒަމް، މޫސުމީ ބަދަލުތައް އަދި މީޑިއާގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ މުހިންމު އެއްބަސްވުންތައް ވެސް މީގެ ތެރޭގައި ހިމެނެ އެވެ.

މީގެ އިތުރުން، ސަރަހައްދީ ގުޅުން ބަދަހިކުރުމާއި ސާކް ޖަމްއިއްޔާ އަލުން ހަރަކާތްތެރިކުރުމާ ގުޅޭގޮތުންނާއި، އދ. އަދި އޯއައިސީ ފަދަ އިންޓަނޭޝަނަލް މައިދާންތަކުގައި ދެ ގައުމު ގުޅިގެން މަސައްކަތްކުރުމާ މެދުވެސް ދެ ގައުމުގެ ވެރިން ހިޔާލު ބަދަލުކުރައްވާނެ އެވެ.

މިއީ 2015 ވަނަ އަހަރުގެ މެއި މަހު އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅަށްފަހު، ރާއްޖޭގެ ވެރިއަކު އެ ގައުމަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ ފުރަތަމަ ފަހަރެވެ. މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ވިޔަފާރިއާއި އިގްތިސާދީ ގުޅުންތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެ އެވެ.