English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާ ޑރ, މުހައްމަދު މުއިއްޒު

ޓޭމޫ ފަދަ އީ-ކޮމާސް ޕްލެޓްފޯމުތަކުން އޮންލައިންކޮށް ވިޔަފާރިކުރުމުގައި ދިވެހިންނަށް ދިމާވަމުންދާ ދަތިތައް ހައްލުކޮށްދެއްވުމަށް ސަރުކާރުން ރެއާއި ދުވާލު މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރޭ ރައީސް އޮފީހުގައި ބޭއްވި “ރައްޔިތުންގެ އަޑު” ޕްރޮގްރާމުގައި އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެ ބައްދަލުވުމުގައި ވާހަކަދެއްކި މީހަކު ވަނީ ޓޭމޫ ފަދަ ބޭރުގެ ވެބްސައިޓުތަކުން ވިޔަފާރިކުރުމުގައި މިހާރު ކުރިމަތިވާ ހުރަސްތައް ފާހަގަކޮށް، އެކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް ރައީސްގެ އަރިހުން އެދިފައެވެ. އަދި އާންމުންނަށް ދިމާވާ މި މައްސަލަ ހައްލުކޮށްދެއްވައިފިނަމަ، ރައީސަށް ރައްޔިތުންގެ މެދުގައި އޮތް ތާއީދު ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށްވެސް އޭނާ ބުންޏެވެ.

އެ ވާހަކަތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ސަރުކާރުން ހުއްޓުމެއްނެތި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ އެ ދަތިތަކަށް އަވަސް ހައްލެއް ގެނެސްދެއްވާނެ ކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ރާއްޖޭގައި ވަރަށް ގިނަ އަދަދެއްގެ އާންމުން އަންނައުނާއި އެހެނިހެން ޒަރޫރީ ސާމާނު ހެޔޮ އަގުގައި ގަތުމަށް އޮންލައިން ޕްލެޓްފޯމުތަކަށް ބަރޯސާވަމުން އަންނައިރު، މި ވިޔަފާރިތަކަށް މިހާ ބޮޑެތި ހުރަސްތަކަކާ ކުރިމަތިލާންޖެހުނު މިއީ ފުރަތަމަ ފަހަރެވެ. ބޭންކުތަކުން ޑޮލަރު މުއާމަލާތްތަކަށް ގެނައި ހަރުކަށި ބަދަލުތަކުގެ ސަބަބުން ކާޑުތަކުން ފައިސާ ދެއްކުމުގައި ބޮޑެތި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ.

މި ފިޔަވަޅުތަކާ ގުޅިގެން ސަރުކާރަށާއި ބޭންކުތަކަށް އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، އީ-ކޮމާސް ވިޔަފާރިތަކަށް ދިމާވެފައިވާ ހުރަސްތައް ނައްތާލައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށް ރައްޔިތުން ދަނީ އެދެމުންނެވެ.