English Edition
Dhivehi Edition
"އީސީއާރްއެފްއެސް" އާއި ގާޒީ ސްކޫލް ގުޅިގެން ދަނޑުވެރިކަމުގެ އަމަލީ ތަޖުރިބާ ދަރިވަރުންނަށް ދިނުން

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދިވެހިރާއްޖޭގެ ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، “އެންހޭންސިންގ ކްލައިމެޓް ރެޒިލިއަންސް އެންޑް ފުޑް ސެކިއުރިޓީ” (އީސީއާރްއެފްއެސް) ޕްރޮޖެކްޓާއި ގާޒީ ސްކޫލް ގުޅިގެން ހާއްސަ ހަރަކާތެއް ބާއްވައިފިއެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ “ވިލުންވެށި” ސްކޫލް ގާޑަން ޕްރޮގްރާމުގެ ދަށުން ބޭރުގައި ކުރިއަށް ގެންދިޔަ ގާޑަން ސެޝަނެއްގެ ގޮތުގައެވެ.

މި ސެޝަނުގެ މައިގަނޑު ބޭނުމަކީ ދަރިވަރުން ބައިވެރިވެގެން ދަނޑުވެރިކަމުގެ އަމަލީ ތަޖުރިބާ ހޯދައިދިނުމެވެ. އެގޮތުން މިއަހަރުގެ މި ދުވަސްތަކުގެ ޝިއާރު ކަމަށްވާ “އިނޮވޭޓް ޓުޑޭ، ނަރިޝް ޓުމޯރޯ” ނުވަތަ “މިއަދުގެ އީޖާދު، މާދަމާގެ ދުޅަހެޔޮކަން” މި ޝިއާރުގެ ދަށުން، ކާބޯތަކެތި އުފެއްދުމުގައި ބޭނުންކުރާ ޒަމާނީ އަދި އީޖާދީ އުސޫލުތަކާ ބެހޭގޮތުން ދަރިވަރުން ވަނީ މައުލޫމާތު ހޯދާފައެވެ.

މީގެ އިތުރުން މިހާރު ދަނޑުވެރިކަމުގައި ބޭނުންކުރެވެމުންދާ އެކި އުކުޅުތައް ދެނެގަނެ، މުސްތަގުބަލުގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އާ ވިސްނުންތަކާއި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރެވިދާނެ ގޮތްތަކާ މެދު ދަރިވަރުންގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

މި ހަރަކާތުގައި އަމަލީ ގޮތުން ކަންކަން ދަސްކުރުމުގެ އިތުރުން، ފުންކޮށް ވިސްނުމަށް ބާރުއަޅާ ހާއްސަ މަޝްވަރާތަކެއް ކުރިއަށް ގެންދިޔައެވެ. މީގެ މައިގަނޑު މަގުސަދަކީ މޫސުމީ ބަދަލުތަކަށް ތައްޔާރުވެފައިވާ، ދެމެހެއްޓެނިވި ގޮތެއްގައި ކާބޯތަކެތި އުފެއްދޭނެ ނިޒާމެއް ބިނާކުރުމުގައި ދަރިވަރުންނަށް އަދާކުރެވިދާނެ ދައުރާ މެދު ވިސްނައި، އެކަމަށް ޝައުގުވެރިކަން އުފެއްދުމެވެ.

މިފަދަ ހަރަކާތްތަކުގެ ސަބަބުން ކުރިމަގުގައި ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ތިމާވެއްޓާ ރައްޓެހި އީޖާދީ ދަނޑުވެރިކަމަށް ޒުވާން ޖީލު ހޭލުންތެރިކުރުވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.