ދިވެހިރާއްޖެއަކީ ތިމާވެއްޓާ ރައްޓެހި ސާފު ހަކަތައަށް ބަރޯސާވާ ގައުމަކަށް ހެދުމުގެ ގައުމީ ލަނޑުދަނޑިތަކަށް ވާސިލުވުމަށްޓަކައި، އެކްސެލެރޭޓިންގ ރިނިއުއަބަލް އެނާޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ (އެރައިޒް) މަޝްރޫއުގެ ޓީމުން ރަށްރަށުގެ ކައުންސިލްތަކާއި އާންމު ރައްޔިތުންނާ ބައްދަލުކުރަން ފަށައިފިއެވެ. މި މަޝްވަރާތައް ކުރިއަށް ގެންދަނީ އެ މަޝްރޫއުގެ 15 މެގަވޮޓްގެ ސޯލާ ޕެކޭޖުގެ ދަށުން ރާއްޖޭގެ 13 ރަށެއްގައެވެ.
މި ޕެކޭޖުގެ މައިގަނޑު ބަޔަކީ އިރުގެ އަލިން ހަކަތަ އުފެއްދުމުގެ އިތުރުން، ރަށްރަށުގެ ކަރަންޓު ވިއުގަ ފުޅާކޮށް އަޕްގްރޭޑް ކުރުމާއި، ބެޓެރި އެނާޖީ ސްޓޯރޭޖް ސިސްޓަމް (ބީއީއެސްއެސް) ގާއިމުކުރުމެވެ. މި ބަދަލުތަކުގެ ސަބަބުން ރަށްރަށަށް ދެވޭ ކަރަންޓުގެ ހިދުމަތް އިތުރަށް ހަރުދަނާވެ، އިތުބާރު ބޮޑުވެގެންދާނެއެވެ.
މި ސިލްސިލާ ބައްދަލުވުންތަކުގެ މައިގަނޑު ބޭނުމަކީ މަޝްރޫއުގެ ލަނޑުދަނޑިތަކާ ގުޅޭ މައުލޫމާތު ކައުންސިލްތަކަށާއި ރައްޔިތުންނަށް ފޯރުކޮށްދިނުމާއި، ސޯލާ ހަކަތައިގެ ފައިދާތައް ބަޔާންކޮށްދިނުމެވެ. ހަމައެއާއެކު، މަޝްރޫއާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅޭނެ އިންތިޒާމުތައް (ގްރީވަންސް ރެޑްރެސް މެކޭނިޒަމް) ވެސް މި ސެޝަންތަކުގައި އޮޅުންފިލުވައިދެއެވެ.
އެރައިޒް ޓީމުން އެންމެ ފަހުން މި ބައްދަލުވުންތައް ބާއްވާފައިވަނީ ށަވިޔަނި ފުނަދޫގެ އިތުރުން ލާމު އަތޮޅު މާބައިދޫ އަދި ކުނަހަންދޫގައެވެ. މި ބައްދަލުވުންތަކުގައި ކަމާގުޅޭ ރަށު ކައުންސިލްތަކުގެ މަންދޫބުންނާއި، ޔުޓިލިޓީ ހިދުމަތްދޭ ކުންފުނިތަކުގެ އޮފިޝަލުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ބައްދަލުވުންތަކުގައި ރައްޔިތުންނާއި ކައުންސިލްތަކުން ހުށަހެޅި ސުވާލުތަކަށް ޖަވާބުދީ، ސާފު ހަކަތައިގެ ނިޒާމަކަށް ވާސިލުވުމަށް އެންމެން ގުޅިގެން އެއްބާރުލުން ދިނުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.