މި އަހަރުގެ އޮގަސްޓް މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު ހިލޭ އެހީގެ މިންވަރު 88 ޕަސަންޓު އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ. ފިނޭންސް މިނިސްޓްރީން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައި މިކަން ހާމަކޮށްފައިވާއިރު، މިއީ ދައުލަތުގެ އާމްދަނީ އާއި ހަރަދުތަކުގެ ތަފާސްހިސާބުތައް ދައްކައިދިނުމަށް އެ މިނިސްޓްރީން ނެރުނު ރިޕޯޓެކެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ މި މުއްދަތުގައި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 250.9 މިލިއަން ރުފިޔާއެވެ. ނަމަވެސް މިއަހަރުގެ އޮގަސްޓް މަހުގެ 27 ގެ ނިޔަލަށް ހިލޭ އެހީގެ ގޮތުގައި 471.8 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ބޭރުގެ އެކި ފަރާތްތަކުން ދައުލަތަށް ލިބުނު އެހީތެރިކަން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަން އަންގައިދޭ ކަމެއް ކަމަށް ރިޕޯޓުގައިވެއެވެ.
ހިލޭ އެހީގެ އިތުރުން މުޅި ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ ވެސް ވަނީ މައްޗަށް ގޮސްފައެވެ. އެގޮތުން ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 27.92 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 26.12 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 6.9 ޕަސަންޓު އިތުރު އަދަދެކެވެ. މިއީ ޓެކުހާއި އެހެނިހެން ގޮތްގޮތުން ލިބުނު އާމްދަނީ އިތުރުވުމުގެ ނަތީޖާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
ރިޕޯޓުން ދައްކާ ގޮތުގައި މި މުއްދަތުގައި ޓެކްސް އާމްދަނީ ވަނީ 9.2 ޕަސަންޓު އިތުރުވެ، 21.73 ބިލިއަން ރުފިޔާއަށް އަރާފައެވެ. ޓެކްސް އާމްދަނީގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިމްޕޯޓް ޑިއުޓީ އާއި ޓީޖީއެސްޓީންނެވެ. އެގޮތުން އިމްޕޯޓް ޑިއުޓީގެ ގޮތުގައި 2.21 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުން ނަގާ ޓެކްސްގެ ގޮތުގައި 7.52 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
މީގެ އިތުރުން މުދަލާއި ގޯތިގެދޮރުން ލިބުނު އާމްދަނީ ވެސް ވަނީ 32.0 ޕަސަންޓު އިތުރުވެފައެވެ. މި ދާއިރާއިން 1.68 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ތެރޭގައި ރިސޯޓުތަކުގެ ކުލީގެ ގޮތުގައި ލިބުނު 1.17 ބިލިއަން ރުފިޔާ އާއި ބިން ގަތުމާއި ބިމުގެ ބޭނުން ބަދަލުކުރުމުގެ ފީގެ ގޮތުގައި ލިބުނު 424.0 މިލިއަން ރުފިޔާ ހިމެނެއެވެ.