އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އުފެއްދި ފަހުން މިއަދާ ހަމައަށް ދައުލަތުގެ ބަޖެޓުން އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާއިރު، ދައުލަތުގެ އެއްވެސް ވެރިއެއްގެ މައްޗަށް ކޮރަޕްޝަނުގެ ހުކުމެއް ކުރެވިފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޑރ. ޝަމްހީދު ވިދާޅުވީ އޭސީސީގެ ހިންގުމަށް އެކަނިވެސް ކޮންމެ އަހަރަކު 58 މިލިއަން ރުފިޔާ ހަރަދުކުރާއިރު، ގާނޫނުއަސާސީން ބޮޑެތި ބާރުތަކެއް ލިބިފައިވާ މިފަދަ މުއައްސަސާތަކުން ނުކުންނަ ނަތީޖާއާމެދު ސުވާލު އުފައްދަންޖެހޭ ކަމަށެވެ. އާދައިގެ ވަޒީފާތަކުގައި އުޅޭ މީހުންގެ މައްޗަށް ފަސޭހައިން ހުކުމް ކުރެވުނު ނަމަވެސް، ބޮޑެތި މައްސަލަތަކުގައި ސިޔާސީ އޮއިވަރުގެ ތެރެއިން އަންނަ ހުކުމްތައް މަތީ މަރުހަލާގެ ކޯޓުތަކުން ބާތިލުވަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި ވެރިކަން ބަދަލުވުމުން މައްސަލަތައް ރިވިއުކޮށްގެން ސަލާމަތްވާ މަންޒަރު ފެންނަ ކަމަށްވެސް ވިދާޅުވިއެވެ.
ގައުމުގައި މައްސަލަ ޖެހިގެން އުޅެނީ ގާނޫނެއް ނެތިގެން ނޫން ކަމަށާއި، ނަމަވެސް އެކަންކަން ތަންފީޒުކުރާނެ އިހުލާސްތެރި ބަޔަކު ނެތުމުންކަމަށް ޑރ. ޝަމްހީދު ވަނީ ވިދާޅުވެފައެވެ. ކޮރަޕްޝަން ނައްތާލުމަށް ބައިނަލްއަގުވާމީ މުއާހަދާތަކަށް މަރުހާބާ ކިޔާ ކަމަށާއި، މިފަދަ ކަންކަމުގެ ސަބަބުން ކްރޮސްބޯޑަރ އިންވެސްޓިގޭޝަނާއި އެސެޓް ރިކަވަރީއަށް މަގުފަހިވާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.