English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު

ގައުމެއްގެ ބާރުވެރިކަން ގިނަ ފަހަރަށް މިންކުރެވެނީ އިގްތިސާދުގެ ވަރުގަދަކަން ނުވަތަ ޓެކްނޮލޮޖީގެ ކުރިއެރުމުން ކަމަށްވިޔަސް، ގައުމެއްގެ ހަގީގީ ބާރުވެރިކަން ހުރި މިންވަރަކީ އެ ގައުމެއްގެ ރައްޔިތުންނަށް އަޅާލާ މިންވަރު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ. އެކަމަނާ މިހެން ވިދާޅުވީ “ތާޑް އިންޓަނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޯ ހެލްތްކެއާ ޕްރޮފެޝަނަލްސް” ރަސްމީކޮށް އިފްތިތާހްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވީ، ސިއްހީ ހިދުމަތުގެ އަސާސަކީ އިންސާނުން ކަމަށާއި، ކޮންމެ ސައިންޓިފިކް ކުރިއެރުމެއްގެ ފަހަތުގައިވަނީ ދިރިއުޅުމަށް ހެޔޮ ބަދަލެއް އައިސްފައިވާ ބަލިމީހެއް ކަމަށެވެ. އަދި ދުޅަހެޔޮ ރައްޔިތަކާ ނުލައި ގައުމުތަކަށް އެ ގައުމުތަކުގެ ފުރިހަމަ ގާބިލުކަން ހާސިލުނުކުރެވޭނެކަން ފާހަގަކުރައްވަމުން، ސިއްހީ ދާއިރާގައި ޓެކްނޮލޮޖީގެ ދައުރު ބޮޑުވި ނަމަވެސް އިންސާނީ އޯގާތެރިކަމަކީ އެއްވެސް މެޝިނަކަށް ނުވަތަ އެލްގޮރިދަމަކަށް ބަދަލުނުކުރެވޭނެ ކަމެއް ކަމަށް އެކަމަނާ ވިދާޅުވި އެވެ.

ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށް މޫސުމީ ބަދަލުތަކާއި ޖިއޮގްރަފީ ގޮތުން ރަށްތައް ބެހިފައިވުމުގެ ސަބަބުން ސިއްހީ ނިޒާމު ކުރިއެރުވުމުގައި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވައި، ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ވެފައިވާ ވައުދުތައް އެކަމަނާ ތަކުރާރުކުރެއްވި އެވެ. މީގެ އިތުރުން، ބަލިމީހާގެ ފަރުވާގެ ހުރިހާ މަރުހަލާއެއްގައި އެންމެ ގާތުން މަސައްކަތްކުރާ ނަރުހުންގެ އަގުވަޒަންކުރައްވައި، ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ ނަރުހުންގެ އޯގާތެރި ހިދުމަތަށް ފަސްޓް ލޭޑީ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.