English Edition
Dhivehi Edition
ހުޅުމާލެ ފޭސް 2

ސަރުކާރުން އެކި ގޮތްގޮތުން ބޮޑެތި ލުއިތަކެއް ދީފައިވީ ނަމަވެސް، ހުޅުމާލޭގެ ސޯޝަލް ހައުސިން ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ގާތްގަނޑަކަށް 50 އިންސައްތަ މީހުން އަދިވެސް ކުލި ނުދައްކާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުގެ “އަހާށޭ ބުނާނަން” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަލީ ޒުހައިރު ވިދާޅުވީ، އެޗްޑީސީގެ ބެލުމުގެ ދަށުގައި ހުޅުމާލޭގައި 12،000 އަށްވުރެ ގިނަ ހައުސިން ޔުނިޓު އެބަހުރި ކަމަށެވެ. ނަމަވެސް މާލީ ދަތިތަކާއި އަމިއްލަ އެކިއެކި ސަބަބުތަކާ ހުރެ ކުލި ދެއްކުމުގައި ގިނަ ބަޔަކު އިހުމާލުވަމުންދާ ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން ކުލި ނުދައްކާ ނިސްބަތް ގާތްގަނޑަކަށް 50 އިންސައްތައަށް އަރާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ހިޔާ ފްލެޓުގެ ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 1.9 މިލިއަން ރުފިޔާ މައާފުކޮށްދެއްވައި، މެއިންޓެނަންސް ފީގެ 1،000 ރުފިޔާއާއެކު މަހު ކުލި 4،984 ރުފިޔާއަށް ކުޑަކޮށްދެއްވާފައެވެ. އެއްބަސްވުންތަކުގެ ދަށުން ފްލެޓު އަތުލުމުގެ ބާރު އޮތް ނަމަވެސް ސަރުކާރުން އިސްކަންދެނީ ލުއި ގޮތްތައް ހޯދައިދިނުމަށެވެ. އެހެންނަމަވެސް، ކުލި ނުދެއްކުމުގެ މައްސަލަ އަދިވެސް އޮތީ ވަރަށް ބޮޑުވެފައެވެ.

އެޗްޑީސީގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރުގެ ކުރީކޮޅާ ހަމައަށް ސޯޝަލް ހައުސިން ސްކީމްތަކުން ނުލިބި ހުރި ކުލީގެ އަދަދު 728 މިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާފައިވެއެވެ. އަދި ވޭތުވެދިޔަ އަހަރު ބެލި 8،511 ޔުނިޓުގެ ތެރެއިން 5،099 ޔުނިޓަކުން ގަވާއިދުން ކުލި ދައްކާފައެއް ނުވެއެވެ.

މީގެއިތުރުން، ސޯޝަލް ހައުސިން ޔުނިޓުތައް ގަވާއިދާ ޚިލާފަށް ބިދޭސީންނަށް ކުއްޔަށްދޭ މައްސަލަ ބެލުމަށް އިންސްޕެކްޝަންތައް ހިންގާފައިވާ ކަމަށާއި، ނޯޓިސް ދީގެން އެފަދަ ބިދޭސީން ނެރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށްވެސް އެޗްޑީސީން ހާމަކުރެއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެކަންކަން ގަވާއިދުން މޮނިޓަކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.