English Edition
Dhivehi Edition
ރޭ ހުޅުމާލޭގައި ހިނގި އެކްސިޑެންޓު

ހުޅުމާލެ 2 ގެ ނިރޮޅުމަގުގައި ރޭ ދަންވަރު 3:00 ހާއިރު ދެ ސައިކަލް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 5 މީހަކަށް އެކި ވަރުގެ އަނިޔާތައް ވެގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު އޭގެ ތެރެއިން 4 މީހެއްގެ ހާލު ސީރިއަސްކަމަށް ފުލުހުން ބުނެފިއެވެ.

އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭއިރު، އެ ސައިކަލުގައި ދެ ފިރިހެނުންނާއި އަންހެނަކު ތިއްބެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ވަގަށް ނެގި ސައިކަލު ދުއްވަން އިން މީހާގެ އަތުގައި ރަސްމީ ދުއްވުމުގެ ލައިސަންސެއް ނެތެވެ. އަދި އޭނާ ސައިކަލު ދުއްވާފައިވަނީ ވަންވޭއާ އިދިކޮޅަށް، ބްރިޖް ހައިވޭއާއި ހުޅުމާލޭގެ މަގުތަކުގައި ނުރައްކާތެރިކޮށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އެ ސައިކަލު ދުއްވަން އިން މީހާއަކީ ޓްރެފިކް ގަވާއިދާ ހިލާފުވެގެން މީގެ ކުރިން ކޮށްފައިވާ ޖޫރިމަނާގެ އަދަދު 100,000 ރުފިޔާއަށް އަރާ މީހެކެވެ. އަދި އޭނާއަކީ ވައްކަމާއި ސްކޭމްގެ މައްސަލަތަކުގައި އެތައް ފަހަރަކު ހައްޔަރުކޮށް، ކުށުގެ ރިކޯޑު އޮންނަ މީހެއްކަންވެސް ވަނީ އެނގިފައެވެ.

މި އެކްސިޑެންޓުގައި އަނިޔާވި 5 މީހުންނަށް ފުރަތަމަ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ. އައިޖީއެމްއެޗްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އަނިޔާވި މީހުންގެ ތެރެއިން ދެ މީހަކަށް އޮޕަރޭޝަން ތިއޭޓަރުގައި ފަރުވާ ދެމުންދާއިރު، ބާކީ ތިން މީހުންނަށް ފަރުވާ ދެމުންދަނީ އީއެމްއާރު (އިމަޖެންސީ ރޫމް) ގައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.