English Edition
Dhivehi Edition
ޓްރެފިކް ފުލުހަކު ސްޕީޑު ގަން އެއް ހިފައިގެން

ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭ ގޮތަށް އެކުލަވާލި އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނަށް އަމަލުކުރަން ފެށިތާ ފުރަތަމަ ފަސް ދުވަހުގެ ތެރޭގައި 653 މީހަކަށް ފިޔަވަޅު އަޅައި، 183 އުޅަނދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި، މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަސްވަނަ ދުވަހުގެ ނިޔަލަށް އެޅި މި ފިޔަވަޅުތަކަކީ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަލަށް ތަންފީޒުކުރަން ފެށި ހަރުދަނާ އުސޫލުތަކާ ހިލާފުވުމުން އެޅި ފިޔަވަޅުތަކެކެވެ. މީގެ ތެރޭގައި އުޅަނދުތައް އިންޝުއަރެންސް ނުކޮށް ދުއްވުން މަނާކުރުމާއި، ޑީމެރިޓް ޕޮއިންޓް ދިނުމާއި، ކުށް ތަކުރާރުވާ ނިސްބަތުން އުޅަނދު ދުއްވި މީހާއާއި ވެރިފަރާތް ވަކިވަކިން ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުން ހިމެނެއެވެ.

އާ ގާނޫނުގެ ދަށުން ނުރައްކާތެރިކޮށް އަދި ޒިންމާދާރުކަން ކުޑަ ގޮތެއްގައި އުޅަނދު ދުއްވާ ފަރާތްތަކަށް ހަރުކަށި އަދަބުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، ދުއްވާފައިދާ އުޅަނދެއްގެ ކޮންޓްރޯލް ލައިސަންސް ނެތް މީހަކަށް ނުވަތަ ކުޑަކުއްޖަކަށް ދިނުމާއި، ފަސިންޖަރު ސީޓުގައި އިންނަ މީހަކާ ހުންގާނު ހަވާލުކުރުން ފަދަ އަމަލުތަކަށް 25،000 ރުފިޔާއިން ފެށިގެން 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ. އަދި މިފަދަ ކުށްތައް ސާބިތުވާ ފަރާތްތަކުގެ ލައިސަންސް ދެ އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތަކަށް ހިފެހެއްޓުމުގެ އިތުރުން، މީހަކަށް އަނިޔާއެއް ލިބިއްޖެނަމަ ޖިނާއީ ދައުވާ ކުރުމުގެ ބާރުވެސް ގާނޫނުން ލިބިދެއެވެ.

މީގެއިތުރުން، އާ ގާނޫނުގެ ދަށުން އުފެއްދި ތާރީހުން ފެށިގެން 20 އަހަރުވެފައިވާ އުޅަނދުތައް އެއްގަމު ދަތުރުފަތުރުގެ ނިޒާމުން ބޭރުކުރުމަށް ހަމަޖެހިފައިވާއިރު، މާލޭ ސަރަހައްދުގެ ތޮއްޖެހުން ހައްލުކުރުމަށް ހާއްސަ އޮފީހަކާއި ފަންޑެއް ގާއިމުކުރުމުގެ މަސައްކަތްވެސް ގާނޫނުގެ ދަށުން ދަނީ ކުރެވެމުންނެވެ.