English Edition
Dhivehi Edition
އެޓަރނީ ޖެނެރަލް އިބްރާހިމް ރިއްފަތު - ފޮޓޯ: އޭޖީ އޮފީސް

މިއަދު ޢަމަލުކުރަންފެށި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި އެކީ ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރެވި އިހުމާލުވާ ފަރާތްތައް ޖަވާބުދާރީ ކުރެވޭނެ ކަމަށް ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެ އެވެ.

މިއަދު ރިއްފަތު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުން ނިޒާމީ ގޮތެއްގައި ކުޑަކުދިންނަށް ލިބޭ އަނިޔާތައް ހުއްޓުވައި، އިހުމާލުވާ ފަރާތްތައް ޖަވާބުދާރީކުރުވޭނެ ކަމަށެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު، ރައީސް ޞާލިޙު ތަޞްދީޤުކުރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު 20 ވަނަ ދުވަހުގައެވެ.

މި ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި ޤާނޫނުއަސާސީއާއި ކުޑަކުދިންގެ ޙައްޤުތަކާބެހޭ ބައިނަލްއަޤުވާމީ މުޢާހަދާއަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދީ ކަށަވަރުކޮށްދިނުން ހިމެނެއެވެ. އަދި ކުޑަކުދިންނަށް އަޅައިލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައްޔާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ޢާއިލާއާއި މައިންބަފައިންނާއި ބެލެނިވެރިންނާއި މުޖުތަމަޢާއި ދައުލަތާއި އެހެނިހެން ފަރާތްތަކުގެ ޒިންމާ ކަނޑައެޅުމާއި، އިޖުތިމާޢީ ރައްކާތެރިކަމާއި އެހީތެރިކަން ބޭނުންވާ ކުދިންނަށާއި އެ ކުދިންގެ ޢާއިލާތަކަށް އެ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުން ވެސް މި ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ޤާނޫނުގައި ކުޑަކުދިންނަށް އަޅައިލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ޓަކައި، ޤައުމީ ނިޒާމެއް ޤާއިމުކޮށް، އެހީތެރިކަން ބޭނުންވާ ކުދިންނަށާއި އެ ކުދިންގެ ޢާއިލާތަކަށް އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމާއި، ދައުލަތުގެ ބެލުމުގެ ދަށަށް ކުޑަކުދިން ގެންދިޔުމާއި، ކުޑަކުދިން ފޮސްޓަރކުރުމާބެހޭ އުސޫލުތައް ކަނޑައެޅުމާއި، ކުޑަކުދިންނަށް އަޅައިނުލާ ފަރާތްތަކާއި އެ ކުދިންނާމެދު އިހުމާލުވާ ފަރާތްތަކާއި، އެ ކުދިންނަށް އިހާނެތިކޮށް ހިތާ ފަރާތްތަކާއި، އެ ކުދިންނަށް ގޯނާކުރާ ފަރާތްތަކާއި، އެ ކުދިންގެ ކިބައިން ނާޖާއިޒު ފައިދާ ހޯދާ ފަރާތްތަކާމެދު ފިޔަވަޅުއެޅުން ފަދަ ކަންކަން ވެސް ހިމެނެއެވެ. އަދި މި ނޫން ވެސް ކުޑަކުދިންގެ ޙައްޤުތަކަށް އުނިކަން ލިބޭފަދަ ޢަމަލުތައް ކުރާ ފަރާތްތަކާމެދު ކުށް ކަނޑައަޅައި، ޤާނޫނުގެ ދަށުން ޖިނާއީ ދަޢުވާކުރުން ނުވަތަ ޤާނޫނުން ބާރު ލިބިގެން ހަދާ ގަވާއިދުގެ ދަށުން އިދާރީ ފިޔަވަޅުއެޅުން ވެސް ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، 30 (ތިރީސް) ދުވަހުގެ ތެރޭގައި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، އެހީތެރިކަމާއި އަޅައިލުން ބޭނުންވެފައިވާ ކުދިންގެ މަޞްލަހަތު ޙިމާޔަތްކުރުމަށް ޓަކައި ޚާއްޞަވެގެން މަސައްކަތްކުރާނެ އިދާރާއެއް “ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސް”ގެ ނަމުގައި އުފެއްދުމަށާއި، މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ބެހޭ ކައުންސިލް އުފެއްދުން ލާޒިމުކުރެއެވެ. އަދި މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އޮމްބަޑްސްޕަރސަން ޢައްޔަންކުރަން ލާޒިމުކުރެއެވެ.