English Edition
Dhivehi Edition
ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދާއި ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހުގެ ސީއީއޯ ޔޫސުފް މާނިއު ބައްދަލުކުރެއްވުން

މާލެ ސަރަހައްދުގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދާއި ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހުގެ ސީއީއޯ ޔޫސުފް މާނިއު ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިންގުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ މާލެ ސަރަހައްދުގައި ދިމާވާ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ކުރިއަށްގެންދެވިދާނެ އަމަލީ މަސައްކަތްތަކުގެ މައްޗަށެވެ. މީގެއިތުރުން އާންމު ރައްޔިތުންނަށް މަގުމަތީގެ އަމާންކަން ފަހިކޮށްދިނުމަށްޓަކައި ދެ އިދާރާ ގުޅިގެން މަސައްކަތްތައް ރޭވުމަށްވެސް ވަނީ އެއްބަސްވެފައެވެ.

މާލެ ސަރަހައްދުގެ މަގުތަކުގައި ދުއްވާ އުޅަނދުތައް އިތުރުވެ، މަގުތައް ތޮއްޖެހުމުގެ މައްސަލަ ބޮޑުވަމުންދާތީ އެކަމަށް އަވަސް އަދި ދާއިމީ ހައްލެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަހަރުގެ ޖުލައި މަހު ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް އުފައްދަވާފައެވެ. އެ އޮފީހަކީ ކަމާބެހޭ އިދާރާތަކާ ގުޅިގެން ހާއްސަ ޕްރޮގްރާމުތައް އެކުލަވާލައި ތަންފީޒުކުރުމަށް އުފެއްދެވި އިދާރާއެކެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން އެ އޮފީހުން ބުނީ، މާލެ ސަރަހައްދުގެ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ގުޅިގެން ހިންގާ ހަރަކާތްތައް އިތުރުކުރުމަށް މަޝްވަރާކުރެވުނު ކަމަށެވެ. އަދި މި ގުޅުމުގެ ސަބަބުން މަގުތަކުގެ ތަރުތީބު ހިފެހެއްޓުމަށް ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމަށް ބުންޏެވެ.

ގަވަނިން ބޯޑެއްގެ ލަފާގެ ދަށުން ހިންގާ މޮބިލިޓީ އޮފީހުން ދަތުރުފަތުރުގެ ނިޒާމު ޒަމާނީކޮށް، ޕާކުކުރެވޭނެ ވަސީލަތްތައް ތަރައްގީކުރުމުގައި އިސް ދައުރެއް އަދާކުރާނެއެވެ. އަދި އުޅަނދުތައް އިތުރުވުމުގެ ސަބަބުން ކުރިމަތިވާ ތޮއްޖެހުމަށް ވަށާޖެހޭ ހައްލެއް ހޯދުމަށް ސިޔާސަތުތައް އެކުލަވާލައި، ކަމާބެހޭ ފަރާތްތަކަށް ލަފާދިނުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށްވެސް އެ އޮފީހުން ބުންޏެވެ.