އިމީލީގެ އާއިލާއިން ބުނީ ކަށުނަމާދު އޮންނާނީ މެލޭޝިއާގައި މިއަދު މަޣްރިބް ނަމާދަށް ފަހު ، ސުބަންގް ޖާޔާގެ މޮސްކް އަލް އިސްޔާދު އެންޑް މުސްލިމް ސިމެޓްރީގައި ކަމަށެވެ. އަދި އައިބަށް ކުރެވޭ ކަށުނަމާދު މިއަންނަ ހުކުރު ދުވަހު ރާއްޖޭގައި ކުރެވޭނެ ކަމަށް ވެސް ޢާއިލާއިން ވަނީ ބުނެފައެވެ.
އިމީލީ އަކީ މެލޭޝިއާގެ ޓޭލާސް ޔުނިވަސިޓީގައި ކިޔަވަމުން ދިޔަ ދަރިވަރެކެވެ. އިމީލީ ނިޔާވި އެކްސިޑެންޓް ހިނގީ އިތުރު އެހެން ދަރިވަރަކާ އެކު ޝޮޕިން މޯލްއަކަށް ދިއުމަށް ފަހު، އެނބުރި ގެއަށް ދިޔަ މަގުމަތީގަ އެވެ. އެ ހާދިސާގައި އަނެއް ދަރިވަރަށް ވެސް އެކި ވަރުގެ އަނިޔާ ލިބިފައިވެ އެވެ.
އާދީއްތަ ދުވަހުގެ ރޭ ގާތްގަނޑަކަށް 8:48 ހާއިރު، ނިއު ބަންޑީ އެކްސްޕްރެސްވޭ (އެންޕީއީ) ގެ ޕީޖޭއެސް ޓޯލް ޕްލާޒާ ކައިރިން ޕުޗޮންގްއާ ދިމާލަށް ދަތުރުކުރަނިކޮށް ހިނގި މި އެކްސިޑެންޓް ހިނގަން މެދުވެރިވީ 37 އަހަރުގެ ޓެކްސީ ޑްރައިވަރު ދުއްވި ކާރު ކޮންޓްރޯލުން ނެއްޓިގެން ގޮސް، އާރުއެފްއައިޑީ ލޭނާ ދިމާއަށް ދަތުރުކުރަމުން ދިޔަ ޕްރޮޓޯން އެސް70 މަރުކާގެ ކާރެއްގެ ފަހަތު ކަނާތްފަރާތުގައި ބާރަށް ޖެހުމުގެ ސަބަބުން ކަމަށް އެ ގައުމުގެ ފުލުހުން ބުނެއެވެ.
މެލޭޝިއާގެ ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނަ އިރު، ޓެކްސީ ޑްރައިވަރު ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ހާދިސާ ހިނގި އިރު، 37 އަހަރުގެ ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައެވެ.
