ހުކުރު ދުވަހުގެ ރޭ ޕީޕީއެމްގެ ވަރަށް ޚާއްޞަ ރެލީ އެއް ކާނިވަލް ސަރަހައްދުގައި އޮންނާނެ ކަމަށް ޕީޕީއެމުން ހާމަކޮށްފިއެވެ.
ޕިޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މަޖްލިސް މެމްބަރު އަބްދުރައްހީމް އަބްދުﷲ ވިދާޅުވީ ހުކުރު ދުވަހުގެރޭ ޕީޕީއެމްގެ ވަރަށް ޚާއްސަ ރެލީއެއް އޮންނާނެ ކަމަށާއި މިރެލީގައި ޕިޕީއެމް އަދި އެމްޑީއޭ ކޯލިޝަނުން ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މި ރެލީއަކީ 1 ފެބްރުއަރީގައި ރާއްޖޭގައި ހިނގާ ދިޔަ ޙާދިޞާތަކާއި ގުޅިގެން ރައީސް ޔާމީނަށް ތާއިދުނެތް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދާތި، ސަރުކާރާއި ރައީސް ޔާމީނާއިއެކު ދިވެހި ރައްޔިތުން ތިބިކަން ބޭރު ޤައުމުތަކަށް ދެއްކުމުގެ ގޮތުނެ ބާއްވާ ރެލީ އެއްކަމަށްވެސް އަދުރޭ ވަނީ ވިދާޅުވެފައެވެ.
އަދި އިތުރަށް އަދުރެ ވިދާޅުވީ މިހާރު ދިވެހި ކޮންމެ ރައްޔިތަކުވެސް ޤަބޫލުކުރާނެ ޙަޤީގަތަކީ ޤައުމުގައި އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރީ ސަރުކާރުގެ ދިފާޢުގައި ނޫންކަމާއި ދިވެހި ރައްޔިތުންނާއި ދިވެހި ފަސްގަނޑުގެ ޙައްގުގައިކަމަށެވެ.