‘ރައްޔިތުންގެ އަޑު’ ޕްރޮގްރާމުގައި އާންމު ރައްޔިތަކު ފާހަގަކުރި އަސާސީ ޕެންޝަނާ ގުޅޭ ކަންބޮޑުވުންތައް ސަރުކާރުން ބައްލަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސީދާ އެމަނިކުފާނާ ހިއްސާކުރުމަށް ހުޅުވާލި ފުރުސަތުގައި، ދައުލަތަށް 46 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކޮށްފައިވާ މީހަކު ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
އޮޑިޓް އޮފީހުގައި މަސައްކަތް ކުރުމަށް ފަހު ރިޓަޔާކޮށްފައިވާ އެ މީހާ ބުނީ، އެ އޮފީހަކީ އަސާސީ ޕެންޝަން މަހުން މަހަށް ލިބެންޖެހޭ ތަނެއް ކަމަށް މައުލޫމާތު ލިބިފައިވީ ނަމަވެސް އެ ފައިސާ އޭނާއަށް ގަވާއިދުން ނުލިބޭ ކަމަށެވެ. އަދި އޭގެ ބަދަލުގައި ދެ ފަހަރެއްގެ މަތިން ގަނޑުކޮށް ފައިސާ ދީފައިވާ ކަމަށާއި، މިހާރު އަސާސީ ޕެންޝަން އެއްކޮށް ކަނޑާލަން ދައުލަތުން ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އެ މީހާ ރައީސާ ހިއްސާކުރި އެވެ.
އެ ޝަކުވާއާ ގުޅިގެން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ދައުލަތަށް އެހާ ގިނަ ދުވަހު ހިދުމަތްކުރި މުވައްޒަފުންނަށް މިފަދަ މައްސަލައެއް ކުރިމަތިވެފައިވާ ކަން މީގެ ކުރިން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި އެ މައްސަލަ ސަމާލުކަމަށް ގެނެސްދިނުމުން ޝުކުރު އަދާކުރައްވަމުން ރައީސް ވިދާޅުވީ، އެ ކަންތައް ވެފައި އޮތް ގޮތް ބައްލަވައި ދެން އެޅެން ހުރި ފިޔަވަޅުތަކަކީ ކޮބައިތޯ ބައްލަވާނެ ކަމަށެވެ.
ޕެންޝަން ފަންޑާ ގުޅިގެން އާންމުންގެ އެކިއެކި ކަންބޮޑުވުންތައް ޒަމާނުއްސުރެ އޮންނައިރު، ހާއްސަކޮށް ޑަބަލް ޕެންޝަން ލިބޭ ގޮތަށް އޮންނަ އުސޫލުތަކަކީ ވެސް ގިނަ ބަޔަކު ފާޑުކިޔާ ކަމެކެވެ. މީގެ އިތުރުން ޕެންޝަން ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ދޭތެރެދޭތެރެއިން އެކި ބަދަލުތައް ވެސް ދައުލަތުން އަންނަނީ ގެންނަމުންނެވެ.
ރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނަށް ފަހުން ގެނައި އިސްލާހުގެ ދަށުން، އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަނުގެ ގޮތުގައި ލިބޭ ފައިސާއަށް ވުރެ ބޮޑު އާމްދަނީއެއް އެ މީހަކަށް ލިބޭ ނަމަ، އެ މީހަކަށް އަސާސީ ޕެންޝަން ނުލިބޭނެ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. އަދި ބަލީގެ ހާލަތު ހުރި ގޮތުން އަހަރަކަށް ވުރެ ގިނަ ދުވަހު ދުނިޔޭގައި ހުންނާނެ ކަމުގެ އުއްމީދެއް ނެތް މީހުންނަށް ޕެންޝަން ފައިސާ އެއްފަހަރާ ނެގޭނެ އިންތިޒާމު ވެސް ގާނޫނުގެ ތެރެއިން ވަނީ ފަހިކޮށްދީފަ އެވެ.