ޗައިނާ އުފެދުނުތާ 77 އަހަރު ފުރުމާއި މިޑް އޯޓަމް ފެސްޓިވަލް ފާހަގަކުރުމަށް ބޭއްވި ރަސްމީ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން، ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުމުގެ ތެރެއިން ތަރައްގީގެ މަގުގައި އިތުރު ފުރުސަތުތަކާއި އުޖާލާ މުސްތަގުބަލަކަށް މަގު ތަނަވަސްވަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދެ ގައުމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން ބިނާވެފައިވަނީ އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިހުތިރާމާއި، ސުލްހަވެރިކަމާއެކު އުޅުމާއި، އަދި ވަން ޗައިނާ ޕްރިންސިޕަލް ދެމެހެއްޓުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަމުގެ މައްޗަށް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި 2024 ވަނަ އަހަރު އެމަނިކުފާނު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އެއްބަސްވެވުނު ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނާޝިޕްގެ ސަބަބުން މި ގުޅުން އިތުރު ހަރުފަތަކަށް ވާސިލުވެފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ ގައުމީ ތަރައްގީއަށް ޗައިނާއިން ވެދެމުންދާ އެހީތެރިކަން ފާހަގަކުރައްވައި، އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާއި، ބޯހިޔާވަހިކަމާއި، ތައުލީމީ އަދި ފަންނީ ތަމްރީނުތަކަށް ރައީސް ވަނީ އަލިއަޅުއްވާލައްވާފައެވެ. މީގެ އިތުރުން ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި، ދެ ގައުމުގެ ދެމެދުގައި ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން އިގުތިސާދީ ގޮތުން ފުޅާވަމުން އަންނަ ފުރުސަތުތަކުގެ މައްޗަށް ވެސް އެމަނިކުފާނު ވާހަކަފުޅު ދެއްކެވިއެވެ.
ބައިނަލްއަގުވާމީ މައިދާނުގައި ހުރި ގޮންޖެހުންތަކަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ، ދުނިޔޭގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް އޭގެ ނުރައްކާ ބޮޑު ކަމަށެވެ. އެހެންކަމުން މިފަދަ ގޮންޖެހުންތަކާ ދެކޮޅަށް ގައުމުތަކުން ގުޅިގެން މަސައްކަތް ކުރުމުގައި އެއްބާރުލުމާއި އިތުބާރުގެ މުހިންމުކަން ފާހަގަކުރައްވައި، ހަމަޖެހުމަކީ ފާގަތިކަމުގެ އަސާސް ކަމަށާއި ގޮންޖެހުންތަކުން އަރައިގަތުމަށް ބާރު ލިބެނީ އެއްބާރުލުމުގެ ތެރެއިން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޗައިނާއިން އިސްނަގައިގެން ކުރިއަށްގެންދާ ބައިނަލްއަގުވާމީ ހަތަރު މަޝްރޫއު ހިމެނޭހެން، ރާއްޖޭގެ ތަރައްގީގައި އިސްކަންދޭ ކަންކަމާ އެއްގޮތަށް ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ޝައުގުވެރިވާކަން ރައީސް ހާމަކުރެއްވިއެވެ. ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގ އަށާއި އެ ގައުމުގެ ރައްޔިތުންނަށް މުނާސަބަތުގެ ތަހުނިޔާ ފޮނުއްވައި، ޗައިނާއަށް ރޯޝަނީ މުސްތަގުބަލަކަށް އެދިވަޑައިގެންފައެވެ.