މާލޭގައި ހުންނަ ‘ޕިންކް ބިލްޑިންގް’ އާއި ‘ގްރީން ބިލްޑިންގް’ ގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ގެއްލުންވި ސަރުކާރުގެ ތިން މިނިސްޓްރީގެ ތެރެއިން އިންޝުއަރެންސް ކޮށްފައިވަނީ އެންވަޔަރަމެންޓް މިނިސްޓްރީ ހިންގި އިމާރާތް އެކަނި ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެޑް އޮފް މޭޖާ ކްރައިމް އިންވެސްޓިގޭޝަން، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ، އެ ހާދިސާގައި ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ ހިންގި އިމާރާތް އެއްކޮށް އަނދައިގެން ގޮސްފައިވާ ކަމަށެވެ. އަދި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމެންޓް އެންޑް އެނާޖީއާއި މާލޭ ސިޓީ ކައުންސިލްގެ އޮފީސް ހިންގި އިމާރާތުން ބައެއް ތަކެތި ސަލާމަތް ކުރެވުނު ނަމަވެސް، މުޅި ހާދިސާގައި އިންޝުއަރެންސްގެ ރައްކާތެރިކަން އޮތީ އެންވަޔަރަމެންޓް މިނިސްޓްރީ ހުރި އިމާރާތުގައި އެކަނި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޑިސެމްބަރު، 2024 ގައި ހިނގި ހާދިސާގައި ޓިނު ބިލްޑިންގައި ރޯވެ، އެންވަޔަރުމެންޓް މިނިސްޓްރީ ހިންގާ ގްރީން ބިލްޑިން އަށް އަލިފާން ފެތުރި ބޮޑެތި ގެއްލުންތަކެއްވި އެވެ. ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ ވެސް ހިންގާ ޓިނު ބިލްޑިން އާއި ގްރީން ބިލްޑިން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.