English Edition
Dhivehi Edition
އެންވަޔަރަމެންޓް މިނިސްޓަރު އަލީ ޝަރީފް

ޕްލާސްޓިކް ހޮޅީގެ ބަދަލުގައި ބޭނުންކުރަން ފެށި ކަރުދާސް ހޮޅިއާ ގުޅޭގޮތުން ގިނަ ޝަކުވާތަކެއް ލިބެމުންދާ ކަމަށާއި، އޭގެ ސަބަބުން ކާނާގެ ރައްކާތެރިކަމަށް ވެސް އަސަރުތަކެއް ކުރާ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު އަލީ ޝަރީފް ވިދާޅުވެއްޖެއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، ކަރުދާސް ހޮޅި އުފެއްދުމަށް ބޭނުންކުރާ ކަރުދާހާއި ތެރަހުގައި ސިއްހަތާ ގުޅުންހުރި ވަކި ކަހަލަ މާއްދާތަކެއް އެކުލެވިގެންވާ ކަމަށެވެ.

ރާއްޖެއަށް ޕްލާސްޓިކް ހޮޅި އެތެރެކުރުމާއި އުފެއްދުން އަދި ބާޒާރަށް ނެރުން 2021 ވަނަ އަހަރުން ފެށިގެން މަނާކޮށްފައި އޮތް ނަމަވެސް، މި ސަރުކާރުން ވަނީ އެ އުސޫލު ބަދަލުކޮށް، ޕްލާސްޓިކް ހޮޅި މަނާކުރާ ތާރީހު 2031 އަށް ފަސްކޮށްފައެވެ. މި ނިންމުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރަނގަޅު އެހެން ގޮތެއް ނުދައްކައި ކުއްލިއަކަށް އެއްޗެއް މަނާކުރުމަކީ އެކަމުން ނެރެން ބޭނުންވާ ހަގީގީ ހައްލު ލިބޭނެ ކަމެއް ނޫން ކަމަށެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ޕްލާސްޓިކް ހޮޅި މަނާކުރިތާ ދުވަސްތަކެއް ވެފައިވާއިރު، އެކި ކެފޭތަކާއި ރެސްޓޯރަންޓުތަކުން ބޭނުންކުރަމުން ދަނީ އެކި ފެންވަރުގެ ކަރުދާސް ހޮޅިއެވެ. އަދި ބައެއް ހޮޅިތަކުގެ ފެންވަރު ދަށްކަމުން، ހޮޅިން ޖަހައި ތަށީގެ މަތީގައި އަޅާފައި އޮންނަ ކަވަރު ވެސް ފަޅާނުލެވޭ ފަދަ އުނދަގޫތަކާ އާންމުން ކުރިމަތިލާން ޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖެއަށް އެތެރެކުރާ ކަރުދާސް ހޮޅީގެ ފެންވަރު ބެލޭނެ އެކަށީގެންވާ ނިޒާމެއް ވެސް ގާއިމުވެފައި ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެންމެ ފެންވަރު ރަނގަޅު ހޮޅި އެތެރެކޮށް އެ ބޭނުންކުރަން މަޖުބޫރުކޮށްފިނަމަ، އޭގެ އަސަރު އާންމުން ބޯ ސައި ތަށީގެ ބިލަށް ކޮށް، އާންމު ރައްޔިތުންނަށް އުފުލަންޖެހޭ އިތުރު މާލީ ތަކުލީފަކަށް އެކަން ވެގެންދާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އަލީ ޝަރީފް ވިދާޅުވީ، ޕްލާސްޓިކް ހޮޅި އަލުން ބޭނުންކުރަން ފެށުމަށް އެމަނިކުފާނު މުޅިން ތާއީދު ނުކުރެއްވި ނަމަވެސް، އެފަދަ ފިޔަވަޅެއްގެ މައިގަނޑު މަގުސަދަކަށް ވާންވާނީ ކަމެއް ހަމައެކަނި މަނާކުރުމުގެ ބަދަލުގައި، އިތުރު ވަގުތު ނަގައިގެން ވެސް ދެމެހެއްޓެނިވި ރަނގަޅު ހައްލެއް ހޯދައިދިނުން ކަމަށެވެ.