ރާއްޖޭގައި އިންވެސްޓްކުރުމުގެ މާހައުލު އިތުރަށް ފަހިކޮށްދީ، އިގްތިސާދަށް ގެންނަ ހެޔޮ ބަދަލުތަކުގައި ސައޫދީ އަރަބިއްޔާގެ ވިޔަފާރިވެރިންނަށާއި އިންވެސްޓަރުންނަށް ފުޅާ ދާއިރާއެއްގައި ބައިވެރިވެވޭނެ މަގު ތަނަވަސްކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ. އެމަނިކުފާނު މި ޔަގީންކަން ދެއްވީ ސައޫދީ އަރަބިއްޔާގެ 96 ވަނަ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރުނބާ މޯލްޑިވްސްގައި ބޭއްވި ހާއްސަ ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެ ގައުމުގެ ގުޅުމުގެ އުންމީދީ އާ ބާބެއް މިހާރު ފެށިފައިވާ ކަމަށާއި، އިގްތިސާދީ ގުޅުންތަކާއި އިންވެސްޓްމަންޓްތަކުގެ އިތުރުން ތަރައްގީގެ ބައިވެރިވުން ފުޅާކުރުމަށް މުހިންމު ފުރުސަތުތަކެއް ތަނަވަސްވަމުން އަންނަ ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް އަހުވަންތަކަމުގެ އަސާސަކީ އިސްލާމީ އެއް އަގީދާއާއި އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިހުތިރާމް ކަމުގައި ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ތަރައްގީއަށް ސައޫދީން ދެމުންގެންދާ އެހީތެރިކަން ފާހަގަކުރައްވައި ރައީސް ވަނީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއާ ގުޅިގެން ވެދިން އެހީއާއެކު މެދުކެނޑުމެއް ނެތި ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަދި ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ އިސްނެންގެވުމުގެ ދަށުން، ސައޫދީގެ އިގްތިސާދު ސިންދަފާތުކޮށް އުމްރާނީ އަދި އީޖާދީ ގޮތުން ހޯދަމުން އަންނަ ބޮޑެތި ކުރިއެރުންތަކަށް އެމަނިކުފާނު ތައުރީފު ކުރެއްވިއެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، ޓޫރިޒަމާއި، އުމްރާނީ ތަރައްގީ، ބޯހިޔާވަހިކަން، ސިއްހީ ދާއިރާ، މަސްވެރިކަން، އަދި އިއާދަކުރަނިވި ހަކަތައިގެ އިތުރުން ދަތުރުފަތުރުގެ ދާއިރާއިން ވެސް ސައޫދީ އިންވެސްޓަރުންނަށް ރާއްޖޭގައި ބޮޑެތި ފުރުސަތުތައް އެބަހުއްޓެވެ. މި ދާއިރާތަކުން ގުޅުން ބަދަހިކޮށް، ދެ ގައުމުގެ ވިޔަފާރި އިތުރަށް ފުޅާކުރުމަކީ ރާއްޖޭގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ކަމެއް ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ދެ ގައުމުގެ ދިފާއީ ބައިވެރިވުމާއި، އެކްސްޕޯ 2030 ރިޔާދުގައި ރާއްޖެއިން ބައިވެރިވުމުގެ ސަބަބުން އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުންތައް އާ އުސްމިންތަކަކަށް ގެންދެވޭނެ ކަމަށެވެ. އަދި ބައިނަލްއަގުވާމީ މައިދާނުގައި ވެސް ސައޫދީ އަރަބިއްޔާއާ ގުޅިގެން މަސައްކަތްކޮށް، ދެ ގައުމަށް ފާގަތި މުސްތަގުބަލެއް ހޯދުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.