English Edition
Dhivehi Edition
ސިފައިންގެ ޑްރޯންއަކުން ކަނޑުމަތި ބަލައި ފާސްކުރަނީ: ފޮޓޯ އެމްއެންޑީއެފް

ލ. އަތޮޅުން ގއ. އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަނިކޮށް އަޑިއަށް ދިޔަ “ފްރެންޑް 4” ސަޕްލައި ދޯނިން ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް ވައިގެ މަގުންނާއި ކަނޑުމަގުން ވަރަށް ފުޅާދާއިރާއެއްގައި ކުރިއަށްދާކަމަށް ސިފައިން ބުނެފިއެވެ.

މި ހާދިސާގައި ގެއްލިފައިވަނީ ދޯނީގެ ކެޕްޓަނާއި، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިންގެ ބޭކަލަކާއި ފުލުހުންގެ ބޭކަލެކެވެ.

މި އޮޕަރޭޝަން އިތުރަށް ހަލުވިކުރުމަށްޓަކައި އެމްއެންޑީއެފް އެއާ ކޯރގެ ޔޫއޭވީ ޑްރޯންތަކާއި މޯލްޑިވިއަންގެ މަތިންދާބޯޓު ވަނީ ބޭނުންކޮށްފައެވެ. އެގޮތުން ވައިގެ މަގުން އެކަނިވެސް 881 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައި ފާސްކޮށްފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުންޏެވެ. އަދި ކަނޑުމަގުން 310 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވެއެވެ.

ކަނޑާއި ވައިގެ މަގުން މިހާ ފުޅާދާއިރާއެއްގައި ހިންގާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި ކޯސްޓްގާޑް ޝިޕް އިމާދުއްދީނާއި، ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓްތަކާއި، ސީ އެމްބިއުލޭންސްތަކުގެ އިތުރުން ފުލުހުންގެ ލޯންޗުތައް ވެސް ހަރަކާތްތެރިވަމުންދެއެވެ. ނަމަވެސް، މިހާތަނަށް ކުރެވުނު މަސައްކަތްތަކުން ގެއްލުނު ތިން މީހުންގެ އެއްވެސް ނިޝާނެއް ފެނިފައިނުވާ ކަމަށް އޮފީހުން ބުނީއެވެ.