English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު: ފޮޓޯ ރައީސް އޮފީސް

ހުޅުމާލެ ފޭސް 2 ގައި ހިނގި ހިތާމަވެރި ދެ ހާދިސާއެއްގައި ދެ ކުޑަކުއްޖަކު ނިޔާވުމާ ގުޅިގެން، މަގުމަތީގެ ސަލާމަތާއި އުސް އިމާރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މުޅި މުޖުތަމައު ގުޅިގެން މަސައްކަތް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފިއެވެ.

 

މިއަދު ފަތިހުގެ ވަގުތެއްގައި ނިޔާވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވިނަރެސް ފްލެޓް ކައިރީގައި ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު އުމުރުން 9 އަހަރުގެ އަންހެން ކުއްޖެކެވެ. މީގެ އިތުރުން މިއަދު ހެނދުނު ވަނީ ހަމަ އެ ސަރަހައްދުގައި ހުންނަ ސްޓެލްކޯ ފްލެޓެއްގެ މަތިން ވެއްޓި އުމުރުން އެންމެ 2 އަހަރުގެ ތުއްތު ކުއްޖަކު ވެސް ނިޔާވެފައެވެ.

 

މި ކުއްލި ދެ މަރާއެކު މުޅި ގައުމަށް ނުތަނަވަސްކަމާއި ހިތާމަ ގެނުވައިފިކަން ފާހަގަކުރައްވައި، ރައީސް ވަނީ ސޯޝަލް މީޑިއާގައި އެ ދެ އާއިލާއަށް ތައުޒިޔާ ފޮނުއްވާފައެވެ. އަދި އުސް އިމާރާތްތަކުގެ ކުޑަދޮރުތަކާއި، ބެލްކަނި އަދި ރެއިލިންގ ފަދަ ތަންތަނުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެމަނިކުފާނު ވިދާޅުވިއެވެ.

 

ކުޑަކުދިންނާއި ނަފްސާނީ ނުވަތަ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުން ބެލެހެއްޓުމުގައި އާއިލާތަކާއި އިމާރާތްތައް ބަލަހައްޓާ ފަރާތްތަކުން ޒިންމާދާރުވުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ. އަދި ސަރުކާރާއި، ކުންފުނިތަކާއި، ޖަމިއްޔާތަކުގެ އިތުރުން އެންމެހައި ފަރުދުން ގުޅިގެން ރައްކާތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމަކީ މުޅި މުޖުތަމައުގެ ގައުމީ މަސައްކަތެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

 

މީގެ އިތުރުން، އިމާރާތުން ތުއްތު ކުއްޖާ ވެއްޓުނު ހާދިސާގެ މަންޒަރުތައް ފެންނަ ފޮޓޯއާއި ވީޑިއޯތައް އާންމު ނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ. އޭގެ ސަބަބުން ކުޑަކުދިންނާއި ނަފްސާނީ ގޮތުން ބަލިކަށި މީހުންނަށް ނޭދެވޭ އަސަރުކޮށް، މުޖުތަމައުގައި މިފަދަ ހިތާމަވެރި ކަންކަން އިތުރުވުމަށް މެދުވެރިވެދާނެ ކަމަށް ފުލުހުން ބުންޏެވެ.