English Edition
Dhivehi Edition
އިސްލާމިކް ޗެމްބަރ އޮފް ކޮމަރސް އެންޑް ޑިވެލޮޕްމަންޓުގެ ސެކްރެޓަރީ ޖެނެރަލް، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވުން

ރާއްޖޭގައި ހަލާލް ޓޫރިޒަމް ފުޅާކޮށް ކުރިއެރުވުމަށް އިސްލާމިކް ޗެމްބަ އޮފް ކޮމަސް އެންޑް ޑިވެލޮޕްމަންޓް (އައިސީސީޑީ) ގެ އެހީތެރިކަން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާތައް ކުރިއަށް ގެންދެވީ އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް ޝައިހް ޔޫސުފް ހަސަން ހަލާވީ މިއަދު ހެނދުނު ރައީސް އޮފީހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ އިސްލާމީ އިގުތިސާދު ކުރިއެރުވުމާ ގުޅޭގޮތުން ކަމަށެވެ. އެގޮތުން، ދެ ފަރާތް ގުޅިގެން ހަލާލް ޓޫރިޒަމްގެ ދާއިރާއިން ރާއްޖޭގައި އިންވެސްޓްމަންޓްތައް އިތުރުކުރުމާއި، މި ސިނާއަތް އިތުރަށް ފުޅާކުރުމަށް ކުރެވެން ހުރި ކަންކަމާ މެދު ދެ ބޭފުޅުން ވަނީ ވާހަކަދައްކަވާފައެވެ.

ހަލާލް ޓޫރިޒަމްގެ އިތުރުން، މެހެމާންދާރީގެ ދާއިރާއިންނާއި ހަލާލް ވިޔަފާރީގެ ދާއިރާއިން ދެމެހެއްޓެނިވި ގޮތެއްގައި އެއްބާރުލުން އިތުރުކުރުމަށް ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ. އަދި އިންސާނީ ވަސީލަތްތައް ތަރައްގީކޮށް، ގާބިލުކަން އިތުރުކުރުމަށް އައިސީސީޑީގެ ފަރާތުން ފޯރުކޮށްދެވިދާނެ އެހީތެރިކަމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ބައްދަލުވުން ނިންމަވާލެއްވުމުގެ ގޮތުން، އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް ވަނީ ރައީސް މުއިއްޒަށް ހާއްސަ ހަދިޔާއެއް އަރުވާފައެވެ. އެއީ އެއްކޮށް އަތުލިޔުމުން ލިޔެފައިވާ ކީރިތި ގުރުއާނުގެ މުސްހަފެކެވެ. ރައީސް ވަނީ މި އަގުހުރި ހަދިޔާއަށްޓަކައި ސެކްރެޓަރީ ޖެނެރަލަށް ޝުކުރު އަދާކުރައްވާފައެވެ.

ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށް ވާއިރު، އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޓޫރިޒަމް ކުރިއެރުވުމަކީ މުހިންމު ކަމެކެވެ. އައިސީސީޑީ ފަދަ ބޮޑެތި އިސްލާމީ ޖަމިއްޔާތަކާ އެކު ބާއްވާ މިފަދަ ގުޅުންތަކުގެ ސަބަބުން، ހަލާލް ވިޔަފާރީގެ ދާއިރާއިން ރާއްޖެއަށް އާ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.