English Edition
Dhivehi Edition
02 މާރިޗް 2023: ރައީސުލްޖުމްހޫރިއްޔާ ތ. ހިރިލަންދޫ ކައުންސިލާއި އ.ތ.މ. ކޮމިޓީއާ ބައްދަލުކުރެއްވުން - ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރު، ހިރިލަންދޫ ސްކޫލުގައެވެ.
.
މިބައްދަލުވުން ފަށްޓަވައި ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ހިރިލަންދޫއިން އެމަނިކުފާނަށާއި ވަފުދުގައި ހިމެނޭ ބޭފުޅުންނަށް ދެއްވި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ހިރިލަންދޫގެ ކައުންސިލާއި އ.ތ.މ ކޮމިޓީއާ ރަށުގެ ތަރައްޤީއަށް ބޭނުންވެފައިވާ ކަންކަމާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ މައުލޫމާތު އޮޅުން ފިލުއްވިއެވެ.

މިބައްދަލުވުމުގައި، ހިރިލަންދޫ ކައުންސިލުން ވަނީ، މިހާރުވެސް އެރަށުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިނގަމުންދާ ކަމަށާއި، އަދި ބައެއް މަޝްރޫޢުތައް ނިމިފައިވާކަން ފާހަގަކުރައްވާފައެވެ. ކައުންސިލުން އިތުރަށް ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ދަތުރުފަތުރުގެ ދަތިތަކާއި، ބަނދަރުގެ ދަތިކަމާއި، ރަށްގިރުމުގެ މައްސަލައާ، މަސްކިރުވުމުގައި ދިމާވާ ދަތިތަކާއި، ރަށާއި ކައިރީގައި ރިޒޯޓެއް ނެތުމުންް ޒުވާނުންނަަށް ވަޒީފާގެ ފުރުޞަތުތައް ލިބުމުގައި ހުރި ދަތިތައް ހިމެނެއެވެ. މީގެ އިތުރުން މިބައްދަލުވުމުގައި އ.ތ.މ ކޮމިޓީން ވަނީ ރަށުގެ ސިއްޙީ ޚިދުމަތް އިތުރަށް ރަނގަޅު ކުރުމަށް ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ހިރިލަންދޫ ކައުންސިލާއި އ.ތ.މ ކޮމިޓީ އާއެކު ބޭއްވި މިބައްދަލު ކުރެއްވުމުގައި، ސަރުކާރުން ހިރިލަންދޫގެ ތަރައްޤީއަށް ރާވާފައިވާ މަޝްރޫޢުތުތާއި ގުޅޭ މައުލޫމާތު ހިއްސާކުރެއްވިއެވެ. އަދި ކައުންސިލުންނާއި އ.ތ.މ ކޮމިޓީން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ހައްލެއް ހޯއްދަވައި ދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހިރިލަންދޫއަށް ކުރެއްވި މި ދަތުރުފުޅުގައި، ހިރިލަންދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އާއެކު ބޭއްވެވި ބައްދަލު ކުރެއްވުމަށްފަހު ވަނީ ހިރިލަންދޫ ވޮލީ ކޯޓު ހުޅުއްވައި ދެއްވައި، މޯލްޑިވްސް ވޮލީބޯލް ވެޓެރެންސްޓީމާއި، ހިރިލަންދޫ ވޮލީޓީމާ ދެމެދު ކުޅެވުނު ވޮލީ މެޗުގައި ބައިވެރިވެ ވަޑައިގެންފައެވެ.