English Edition
Dhivehi Edition
02 މާރިޗް 2023: ރައީސުލްޖުމްހޫރިއްުޔާ ހިރިލަންދޫ ސްކޫލަށް 71 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި މުޚާތަބުކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް

މަތީތަޢުލީމުދޭ މުއައްސަސާތަކުގެ މުވައްޒަފުންގެ މުސާރައަށް ގެނެވުނު ބަދަލާއިއެކު، ލެކްޗަރައިންނަށް ދެވޭ މުސާރަ ގާތްގަޑަކަށް %59 އިންސައްތަ ބޮޑުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ޔުނިވަރސިޓީތަކާއި މަތީތަޢުލީމުގޭ މުއައްސަސާތަކުގެ މުސާރައަށް ގެނައި މިބަދަލު ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވީ، ކޮޅުމަޑުލު ހިރިލަންދޫ ސްކޫލަށް 71 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިޖަލްސާ އޮތީ މިއަދު މެންދުރުފަހު، ހިރިލަންދޫ ސްކޫލުގައެވެ.

ފެންވަރު ރަނގަޅު ތައުލީމީ ނިޒާމެއްގެ ބިންގަލަކީ ފެންވަރު ރަނގަޅު މުދައްރިސުންކަން ފާހަގަކުރައްވައި، ތަޢުލީމީ ދާއިރާގެ މުދައްރިސުންނާއި ލެކްޗަރަރއިންގެ މުސާރައަށް ގެނެވުނު ހެޔޮބަދަލުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން، މާރިޗު 1 ވަނަ ދުވަހުންފެށިގެން ގެނައި ބަދަލާ އެކު މިހާރު ޔުނިވާސިޓީ ލެކްޗަރަރ އިންގެ މުސާރަ %59 ބޮޑުކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރައްވައި އެކި މަޤާމްތަކުގެ މުސާރައަށް ގެނެވުނު ބަދަލުތަކުގެ ތަފްޞީލް ޙިއްޞާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޤައުމީ ޔުނިވަރސިޓީގެ ލެކްޗަރައަކަށް ކުރިން ލިބުނު މުސާރައަކީ 18880 ރުފިޔާ ކަމަށާއި، މިގެނައި ބަދަލާއި އެކު މިހާރު ޔުނިވަރސިޓީގެ ލެކްޗަރަރ އަކަށް އިތުރު ވަގުތާއި ނުލައި މަހެއްގެ މައްޗަށް ގާތްގަނޑަކަށް 29900 ރުފިޔާ ލިބޭނެކަމަށެވެ. އަދި ސީނިއަރ ލެކްޗަރައިންގެ މުސާރައަކީ މިހާރު 20830 ރުފިޔާ ކަމަށާއި އެހެން ނަމަވެސް މިގެނެވުނު ބަދަލާއިއެކު ސީނިއަރ ލެކްޗަރަރ އަކަށް އިތުރުގަޑީގެ ފައިސާ އާއި ނުލައި 34000 ރުފިޔާ ލިބޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން އެސިސްޓެންޓް ޕްރޮފެސަރެއްގެ މުސާރަ 23500ރ އިން 39400ރއަށް ބޮޑުވާނެ ކަމަށާއި، އެސޯސިއޭޓް ޕްރޮފެސަރެއްގެ މުސާރަ 26000ރ އިން 45000ރ އަށް ބޮޑުވާނެ ކަމަށާއި، އަދި ޑީންގެ މުސާރަ 30000ރ އިން 38000ރ އަށް ބޮޑުވާނެ ކަމަށާއި ރެޖިސްޓްރާއިންގެ މުސާރަ 32000ރ އިން 42000ރއަށް ބޮޑުވެގެންދާނެ ކަމަށާއި، ޑެޕިއުޓީ ވައިސްޗާންސެލަރ ގެ މުސާރަ 39000ރ އިން 48000ރ އަށް ބޮޑުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ، ވޮކޭޝަނަލް އެޑިޔުކޭޝަންގެ ޕްރޮފެޝަނަލުންގެ ތެރޭގައި ހިމެނޭ އެސޯސިއޭޓް ލެކްޗަރަރުންނަށް މިހާރު ލިބޭ 14700 ރުފިޔާގެ ބަދަލުގައި 26000 ރުފިޔާއަށް މުސާރަ ބަދަލުވެގެންދާނެ ކަމަށާއި އަދި ލެކްޗަރަރއެއްގެ މުސާރަ 17000 ރުފިޔާއިން 29000 ރުފިޔާއަށް، ސީނިއަރ ލެކްޗަރަރއެއްގެ މުސާރަ، 17000 ރުފިޔާއިން 34000 ރުފިޔާއަށް ބަދަލުވެގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މުސާރައިގެ މިބަދަލު 767 މުވައްޒަފަކަށް އަންނާނެ ކަމަށާއި އަހަރަކު 62 މިލިއަން ރުފިޔާ މުސާރައިގެ ގޮތުގައި ހޭދަކުރެވޭނެ ކަމަށެވެ. އަދި މިގެނެވޭ ބަދަލުގެ ހެޔޮ ނަތީޖާ ޔުނިވަރސިޓީތަކުންނާއި ވޮކޭޝަނަލް ޓްރޭނިންގ ސެންޓަރުތަކުން ފެނިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ހިރިލަންދޫ ސްކޫލުގެ ތާރީޚުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެސްކޫލުގެ 71 އަހަރުގެ ތެރެއިން 52 އަހަރު ސްކޫލު ހިންގީ ރައްޔިތުންގެ ސްކޫލެއްގެ ގޮތުގައިކަން ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިންނަކީ ކިޔެވުމާއި ކިޔަވައިދިނުމަށް ވަރަށް ބޮޑު އިސްކަމެއް ދިން ބައެކަމަށާއި މިއަދުވެސް އެކަން އޮތީ އެ ގޮތަށް ކަމަށެވެ.

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ވޭތުވެދިޔަ ސަރުކާރުތަކުގައި ހިރިލަންދޫ ބާކީވެފައި އޮތްކަމަށް ރައްޔިތުން ދެކޭ ދެކުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މި ސަރުކާރުގެ ތަރައްޤީގެ ސިޔާސަތުގައި އެއްވެސް ރަށެއް އަދި ވަކި ފަރުދެއްވެސް ބާކީ ނުވާނެ ކަމުގައި ވިދާޅުވިއެވެ. މިގޮތުން ހިރިލަންދޫގައި އަސާސީ ޚިދުމަތްތައް ޤާއިމް ކުރުމަށާއި، ހިރިލަންދޫ ސްކޫލުގެ ތަރައްޤީއަށް މިސަރުކާރުން ހިންގަމުންދާ މަޝްރޫޢުތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ.

ހިރިލަންދޫ ސްކޫލަށް 71 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި މިޖަލްސާގައި ވަނީ، ހިރިލަންދޫ ސްކޫލަށް ދިގުމުއްދަތެއްގައި ޚިދުމަތް ކުރެއްވި 3 ބޭފުޅަކަށް އެކަމުގެ އަގު ވަޒަންކޮށް ހަނދާނީ ފިލާ ދެއްވާފައެވެ. އެބޭފުޅުންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. މީގެ އިތުރުން، ހިރިލަންދޫ ސްކޫލުގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށްވެސް ޚާއްސަ ހަނދާނީ ފިލާއެއް ވެދުމަށް އަރުވާފައެވެ.

ހިރިލަންދޫ ސްކޫލު ހުޅުވުނީ، 28 އޮކްޓޫބަރ 1951 ގައެވެ.