English Edition
Dhivehi Edition
ތ.ހިރިލަންދޫ

ތ. ހިރިލަންދޫގައި ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކުގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ. މިދިޔަ އާދީއްތަ ދުވަހުގެރޭ އެރަށު ގެއަކަށް ވަދެ މާރާމާރީ ހިންގި މައްސަލާގައި ތޫނު ހަތިޔާރު ބޭނުން ކުރިކަމުގެ ތުހުމަތުގައި36 އަހަރާއި 32 އަހަރުގެ 2 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ މައްސަލައިގައި ހައްޔަރުކުރި ދެ މީހުން ތ. ކަނޑޫދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އޭގެ ތެރެއިން 36 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށާއި 32 އަހަރުގެ މީހާ ދޫކޮށްލައިފައިވާ ކަމަށެވެ.

ހިރިލަންދޫގެ ގެއެއްގައި ބަޔަކު މަސްތުވާތަކެތި ބޭނުންކުރުމާއި އޭގެ ވިޔަފާރިކޮށް،އަދި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އައްޑާއަކަށް އެ ގެ ވެފައިވާ ކަމަށްބުނެ ރައްޔިތުންގެ ތެރެއިން ބަޔަކު އެ ގޭގެ ތެރެއަށް ވަދެ ހިންގި މާރާމާރީގައި 2 މީހަކު ޒަހަމްވިއެވެ

ފުލުހުން ބުނީ އެ މާރާމާރީގައި އަނިޔާވެފައިވަނީ 49 އަހަރުގެ މީހަކާއި 43 އަހަރުގެ މީހަކަށް ކަމަށެވެ. އެ މީހުންނަށް ހިރިލަންދޫ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ އެ އަތޮޅު ވޭމަންޑޫ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.

އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ފުލުހުން ބުނެއެވެ.