އިދިކޮޅު މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން އަންނަ މަހު ކުރީކޮޅު ބާއްވާ އެ ޕާޓީގެ ގައުމީ ކޮންގްރެސް މާލޭ ސިޓީ ހޯލުގެ ބިމުގައި ޓެންޓު ޖަހައިގެން ބޭއްވުމަށް ނިންމައިފިއެވެ.
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކޮންގްރެސް ކުރިއަށް ގެންދާނީ ސިޓީ ހޯލުގެ ހާމައަށް އޮތް ބިމުގައި ޓެންޓު ޖަހައިގެން ކަމަށެވެ. އަދި ކޮންމެ ފަދަ ހުރަހެއް ކުރިމަތިވި ނަމަވެސް، އެމްޑީޕީން ފަސްނުޖެހި މި ކޮންގްރެސް ކާމިޔާބުކަމާއެކު ނިންމާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި އަހަރުގެ ކޮންގްރެސް ބޭއްވުމަށް ނިންމާފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 1 އިން 3 އަށެވެ. 980 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވާ މި ކޮންގްރެސްގައި ރަޖިސްޓްރީވުމުގެ ފުރުސަތު ސެޕްޓެމްބަރު 20 އިން 25 ގެ ނިޔަލަށް އޮންލައިންކޮށް ވަނީ ހުޅުވާލާފައެވެ. އަދި ކިޓު ދޫކުރުން ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 29 އަދި 30 ގައި އެމްޑީޕީ ހަރުގޭގައެވެ.