English Edition
Dhivehi Edition
ރަސްމާލެ ހިއްކުން: ފޮޓޯ ރައީސް އޮފީސް

ސަރުކާރުގެ “ބިންވެރިޔާ” ހާއްސަ ސްކީމްގެ ދަށުން ރަސްމާލެއިން ގޯތި ހޯދުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ މި ސްކީމްގެ ދަށުން ދޫކުރާ 1،250 އަކަ ފޫޓުގެ ގޯތިތަކަށް އެދި ހުށަހަޅަންޖެހޭނީ އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. މި ސްކީމާ ގުޅޭ އުސޫލު މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި އާންމުކޮށްފައެވެ.

މި ފަހަރުގެ ސްކީމްގައި ބައިވެރިވެވޭނީ ދެ ކެޓަގަރީއެއްގެ މީހުންނަށެވެ. އެއީ ކުރިން ބިންވެރިޔާ ސްކީމްގެ ދަށުން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައި ގޯތި ލިބިފައިވާ ފަރާތްތަކާއި، ސަރުކާރުގެ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފްލެޓެއް ލިބިފައި އޮތުމުގެ ސަބަބުން ކުރިން ބިންވެރިޔާ ސްކީމަށް ކުރިމަތިނުލެވުނު ފަރާތްތަކެވެ. މި ސްކީމަށް އެދި ހުށަހަޅާއިރު އުސޫލުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް ފުރިހަމަކުރަން ޖެހޭނެ ކަމަށް އެ އޮފީހުން ބުނެއެވެ.

ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިއުލާނުގައި ބުނީ ރަސްމާލެއިން ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ ރޭ 23:59 ކަމަށެވެ. މި ސްކީމަކީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިއްމު މަސައްކަތެކެވެ. މި މަސައްކަތުގެ ދަށުން ގޯތި ލިބޭ ފަރާތްތަކަށް ރަސްމާލެއިން ބިން ކަނޑައެޅިގެންދާނެއެވެ.